ކޮވިޑް -19އާ ގުޅިގެން ބަންދުކޮށްފައި ހުރި މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވޭނީ ނޮވެމްބަރު މަހުގެ ކުރީކޮޅު ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ހޮޓެލް، ގެސްޓް ހައުސް އަދި ޓޫރިސްޓް ފެސިލިޓީތައް ނޮވެމްބަރު މަހު ކުރީކޮޅު ހުޅުވޭވަރުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"ބޭނުންވަނީ ފައްސި ޕަސެންޓް ފަހަކަށް ނާރުވާ ވިދިވިދިގެން ދެ ހަފުތާ. ގުޅިގެން އަޅުގަނޑުމެންނަށް ކުރެވޭނެ،" ޑރ. މައުސޫމް ވިދާޅުވި އެވެ.

ކުރިން އަންނަ މަހުގެ 15 ގައި މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވަން ނިންމި ނަމަވެސް އެކަން ފަސްކުރީ މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން އިންތިހާއަށް އިތުރުވަމުންދިއުމާ ގުޅިގެންނެވެ.

ގެސްޓް ހައުސްތައް އަލުން ހުޅުވުމާ ބެހޭ ގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި އެޗްޕީއޭ އިން އެކުލަވާލި ގައިޑްލައިންގައިވާ ގޮތުން މާލޭ ސަރަޙައްދުން ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވުމާއި ގްރޭޓާ މާލޭ ސަރަހައްދުގައި އޮތް ކޮމިއުނިޓީ ޓްރާންސްމިޝަންގެ ސަބަބުން މި ސަރަޙައްދުގެ ގެސްޓް ހައުސްތަކަށް ހުޅުވުމުގެ ހުއްދަ މިވަގުތު ދެވެން ނެތެވެ. އަދި އަލުން ހުއްދަ ދެވޭނީ ބަލީގެ ހާލަތު ރަނގަޅުވެ، ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ ދަށްވުމުން ކަމަށް އެ އުސޫލުގައި ހިމަނާފައިވެ އެވެ.

މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް އެޗްޕީއޭ އިން ކަނޑައަޅާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތަށް އަންނަ ބަދަލުތަކާއެކު ހުޅުވުމަށް ކަނޑައެޅިފައިވާ ތާރީޚު ރިވައިޒް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ކަނޑައެޅި އުސޫލުގައިވާ ގޮތުން ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުން ވެސް ފުރުމުގެ 72 ގަޑިއިރަށް ވުރެ އިތުރުނުވާ މުއްދަތެއްގައި ހަދާފައިވާ ނެގަޓިވް ޕީސީއާރު ޓެސްޓެއްގެ ނަތީޖާ އޮންނަން ޖެހެ އެވެ. އަދި ރިޕޯޓް އޮންނަންވާނީ އިނގިރޭސި ބަހުންނެވެ.

އޭގެ އިތުރުން ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރުމަށް ފަހު ރާއްޖެއިން ފުރާ ހުރިހާ ޓޫރިސްޓުން ވެސް ފުރުމުގެ ކުރިން ޕީސީއާރު ޓެސްޓެއް ހަދަންޖެހޭނެ އެވެ. އަދި އެ ޓޫރިސްޓަކު ދަތުރުކުރާ ގައުމަކުން މިފަދަ ޓެސްޓަކަށް މުއްދަތެއް ކަނޑައަޅާފައިވާނަމަ ޓެސްޓް ހަދަން ޖެހޭނީ އެ ޝަރުތަކާ އެއްގޮތަށް ކަމަށާއި ނޫންނަމަ ފުރުމުގެ 72 ގަޑިއިރަށް ވުރެ އިތުރުނުވާ މުއްދަތެއް ތެރޭގައި ކަމަށް ވެސް ގައިޑްލައިންގައި ކަނޑައަޅާފައިވެ އެވެ.