ދިވެހިން ލިބޭ ވަޒީފާތަކަށް ބިދޭސީން ނުގެނެވޭ ގޮތަށް، ވަޒީފާތަކަށް ގެންނަން އަމަލުކުރާ ގަވާއިދުތަކަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ކުރިއަށްގެންދާ ލޯކަލް ކައުންސިލް އިންތިޚާބު ކެމްޕެއިން "ރަށްވެހި ފަތިސް"ގެ ކެނޑިޑޭޓުންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަތީ ފަންތީގެ ވަޒީފާތައް ކަމަށްވާ، މެނޭޖްމަންޓް ލެވަލްއާއި، މިޑް މެނޭޖްމަންޓް ލެވަލްގެ ވަޒީފާތަަކަށް ދިވެހިން ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ބޮޑު މުސާރަ ލިބޭ ވަޒީފާތަައް ވެސް ދިވެހިންނަށް ލިބޭނެ މަގު ފަހިކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"ޖޮބްސެންޓަރުގައި ދިވެއްސަކު، ވަކި ހުނަރުތަކެއް ހުރި، ވަކި ކަހަލަ ވަޒީފާއަކަށް ރަޖިސްޓްރީވެފައި، ހުރި ނަމަ އަޅުގަނޑުމެންގެ ވިސްނުން ހުރީ އެ ވަޒީފާ ބޭރު މީހަކަށް ނުދެވޭނޭ، ދިވެއްސަކު އެ ވަޒީފާއަށް ހުރި ކަމަށްވަންޏާ. ދިވެއްސަކު ނެތް ކަމަށް ވަންޏާ ބޭރު މީހަކަށް ދިނުމުގެ އުސޫލަކަށް ދާން މި ވިސްނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ޖޮބް ސެންޓަރުގެ މަސައްކަތް އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތައް އޭގައި ރަޖިސްޓްރީވެގެން ކަމަށެވެ. އަދި މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިން ގެނައުމަށް އެކަމަށް ބޭނުންވާ ތަމްރީނުތައް ދިނުމަށް ވޯލްޑް ބޭންކާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާއި، ވޯލްޑް ބޭންކް އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރާއި ގުޅޭ ދިރާސާތަކެއް ކުރި ކަމަށެވެ.