ގާނޫނަށް ބަދަލު ގެނެސްގެން ބޭރުގެ ކުންފުނިތަކަށް ޓެކްސް ދެއްކުމަށް ބޮޑު ލުޔެއް ހޯދަން އުޅޭކަމުގެ ތުހުމަތު ސަންކެން އޯވަސީސް އިން ދޮގު ކޮށްފި އެވެ.

ސްރީލަންކާގެ ސަންކެން އޯވަސީސްއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ ގާނޫނަށް ބަދަލުގެނެސްގެން ބޭރުގެ ކުންފުނިތަކަށް ޓެކްސް ދެއްކުމުގައި ލުއި ހޯދަން އުޅޭކަމަށް ތުހުމަތުކޮށް "އަވަސް" ގައި 14 ފެބްރުއަރީގައި އާންމުކޮށްފައިވާ ލިޔުމަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ.

އެ ކުންފުނިން މިހެން ބުނި ނަމަވެސް އިންކަމް ޓެކްސް ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މިހާރު ނިންމާފައި ވަނީ ސަންކެން އިން ވިތުހޮލްޑިން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ އެތައް މިލިއަން ޑޮލަރެއް ބަހާލައިގެން އެކި ފަހަރު މަތިން ދެއްކުން ނުވަތަ މައާފްކުރަންވެގެން ކަމަށް ވެ އެވެ. މިކަމުގެ ހަގީގަތެއް އެނގޭނީ މި އިސްލާހު މަޖިލީހަށް ހުށަހަޅައި ފާސްކުރާ ގޮތަކުންނެވެ.

ސަންކެން ކުންފުނިން ބުނީ އަވަސް އޮންލައިންގައިވާ ލިޔުމުގައި ހަގީގަތާ ހިލާފު އެތައް ވާހަކައެއް ހިމެނޭ ކަމަށާއި އޭގެ މަގްސަދަކީ އެ ކުންފުނި ބަދުނާމުކުރުން ކަމަށެވެ.

އެ ނޫސް ބަޔާނުގައި އެ ކުންފުންޏަކީ ރާއްޖޭގެ ގާނޫނުތަކަށާއި ގަވާއިދުތަކަށް އަބަދުވެސް އަމަލުކުރާ ކުންފުންޏެއް ކަމަށް ބުނެފައިވެ އެވެ. އަދި އެކުންފުންޏަކީ ރާއްޖޭގައި އެންމެ ގިނައިން ޓެކްސް ދައްކާ އެއް ކުންފުނި ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ މިއަދާ ހަމައަށް ރާއްޖޭގައި އެ ކުންފުނީގެ އެއްވެސް ޓެކްސްގެ މައްސަލައެއް ކޯޓަށް ނުވަތަ ޓެކްސް އެޕީލް ޓްރައިބިއުނަލް ނޫނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ހުށަހަޅާފައި ނުވާނެ ކަމަށެވެ. އަދި މިއީ އެ ކުންފުންޏަކީ ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ ކުންފުންޏެއްކަން އެނގޭނެ ހެއްކެއް ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ސަންކެން އޯވަސީސްއިން ބުނީ އެކުންފުންޏަކީ ރާއްޖޭގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ އެންމެ ދުވަސްވީ އެއް ކުންފުނި ކަމަށާއި އަދި އެ ކުންފުންޏަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވެދީފައިވާ ކޮންޓްރެކްޓަރެއްގެ އިތުރުން 250 މިލިއަނަށް ވުރެ ގިނަ ޑޮލަރު އިންވެސްޓްކޮށްފައިވާ ކުންފުންޏެއް ކަމަށެވެ. އަދި އެއިން އެނގެނީ އެ ކުންފުންޏަކީ ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ދާއިރާއިން އިތުބާރު ހޯދާފައިވާ އަދި އެއް ފަހަރަށް ވުރެ ގިނައިން އިންވެސްޓްކޮށްފައިވާ ކުންފުންޏެއް ކަމަށް އެކުންފުނިން ބުންޏެވެ.

މީގެ އިތުރުން ސަންކެންއިން ބުނީ އެ ކުންފުންޏާ ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރައި، އެ މީހުން ބަދުނާމުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.