އިންޑިއާގެ ވިސްތާރާ އެއާލައިންގެ ދަތުރުތައް އިއްޔެ ރާއްޖެއަށް ފަށައިފި އެވެ.

ވިސްތާރާ އެއާލައިނުން ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގައި ޖެއްސި ބޯޓަށް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފަ އެވެ.

އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ކުރަނީ މުމްބާއީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

އެއާލައިނުން ރާއްޖެއަށް ހަފްތާއަކު ތިން ދަތުރު ކުރަން ނިންމާފައިވެ އެވެ. އެ ދަތުރުތައް ކުރާނީ ބުދަ، ހޮނިހިރު އަދި އާދިއްތަ ދުވަހު އެވެ.

މި ދަތުރުތަކުގެ އަގު އުޅެނީ ދެކޮޅު ޓިކެޓް 227 ޑޮލަރަށެވެ. ޓިކެޓް ބުކްކުރުމުގެ ފުރުސަތު އެ އެއާލައިންގެ ވެބްސައިޓުންނާއި އޮންލައިން ޓެރެވެލް އެޖެންސީތައް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ވިސްތާރާ އެއާލައިންގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމުން ވޯޓާ ސެލިއުޓެއް ދެނީ. ފޮޓޯ: އެމްއޭސީއެލް

އިންޑިއާގެ ވިސްތާރާ އެއާލައިންއިން ރާއްޖެއަށް ދަތުރުތައް ފެށީ އިންޑިއާއާއި ރާއްޖެއާ ދެމެދު ޤާއިމްކޮށްފައިވާ އެއަރ ޓްރެވެލް ބަބުލްގެ ދަށުންނެވެ. މި ބަބުލްގެ ދަށުން ގިނަ އަދަދެއްގެ އިންޑިއާގެ އެއަރލައިންތަކަކުން މިހާރުވެސް އަންނަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ. އޭގެތެރޭގައި އެއަރ އިންޑިއާ، އިންޑިގޯ، ގޯ އެއަރ އަދި ސްޕައިސްޖެޓް ފަދަ އެއަރލައިންތައް ހިމެނެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައީ އިންޑިއާއިން އެވެ. އެގޮތުން އަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 45،636 ޓޫރިސްޓުން އައިސްފައިވެ އެވެ.

އިންޑިއާ އިން މިހާރު ރާއްޖެއަށް އިންޑިގޯ، ގޯ އެއާ އަދި އިންޑިއަން އެއާލައިންސްގެ ދަތުރުތައް ކުރެ އެވެ.