މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުން އިހްތިޖާޖްކޮށް މަސައްކަތަށް ނުކުންނަން ދެކޮޅުހަދައިފި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މައުލޫމާތު ޕައިލެޓުން އިހްތިޖާޖްކޮށްފައިވަނީ ޗީފް ޕައިލެޓް މަންސޫރް މުސްތަފާ ވަޒީފާއިން ވަކިކުރުމަށް ޑިރެކްޓަ އޮފް އޮޕަރޭޝަންސް ނިންމި ނިންމުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުން ވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.

އެ ޕައިލެޓުން ފޮނުވި ސިޓީގައި ވަނީ މަންސޫރަށް ތައުރީފުކޮށްފަ އެވެ. އެ ސިޓީގައި ބުނީ މަންސޫރަކީ މަސައްކަތަށް ފަރުވާތެރި، އެހާމެ ގާބިލް އަދި ހުނަރުވެރި މީހެއް ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރުމަކީ ބަލައިނުގަނެވޭނެ ނިންމުމެއް ކަމަށް އެ ސިޓީގައިވެ އެވެ.

މީގެ އިތުރުން އެ ސިޓީގައި ބުނީ ޗީފް ޕައިލެޓެއްގެ މަގާމުގައި ހުންނަ މީހަކީ އެންމެންނާ ވެސް ގުޅިގެން މަސައްކަތްކުރެވޭ މީހަކަށް ވާންޖެހޭ ކަމަށާ އޭނާ ވަކިކުރުމުގެ ނިންމުމަކީ ސީޕްލޭން އޮޕަރޭޝަންގެ ތެރޭގައި ހަމަޖެހުން ގެއްލިގެންދާ ފަދަ ނިންމުމެއް ކަމަށެވެ.

އެ އިހްތިޖާޖާއި ގުޅިގެން އެކުންފުނީގެ ޑިރެކްޓަ އޮފް އޮޕަރޭޝަން މުއައްޒަފުންނާ ބޭއަދަބީ ބަހުރުވައިން މުހާތަބުކުރިކަމުގެ ޝަކުވާ އެ ކުންފުނީގެ މުވައްޒަފުން ދަނީ ކުރަމުންނެވެ.

ޕައިލެޓުން މަސައްކަތްކުރަން ދެކޮޅުހަދާ ކުރި އިހުތިޖާޖާ ގުޅިގެން ކުންފުނީގެ އެމްޑީ މިހާދު ވަނީ ޕައިލެޓުންނާ ބައްދަލުކުރައްވާ، އެ އެ މީހުންގެ ޝަކުވާތައް އަޑުއައްސަވާފަ އެވެ. އަދި އޭގެ ފަހުން އެ މީހުން ވަނީ މަސައްކަތައް ރުޖޫއަވެފަ އެވެ.

މޯލްޑިވިއަނުން ބުނީ ސީޕްލޭންގެ ބައެއް ޕައިލެޓުން މިއަދު ކުރި އިހުތިޖާޖާއި ގުޅޭގޮތުން މެނޭޖްމަންޓާއި ކަންކަން ހިއްސާކޮށް ކަންބޮޑުވުންފާޅުކުރުމަށްފަހު މަސައްކަތަށް އެނބުރި ނިކުމެއްޖެ ކަމަށެވެ.

"ޕައިލެޓުންގެ ފަރާތުންވަނީ ހައްލުކުރަން ހުރިކަންކަން ހައްލުކޮށްދިނުމަށް އެދިފައި. މެނޭޖްމަންޓުން ވަނީ އެކަންބޮޑުވުންތައް އަޑުއަހާ ހައްލުކުރަންހުރި ކަންކަން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަންދީފައި،" މޯލްޑިވިއަނުން ބުންޏެވެ.