ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ބަހަން ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ބޭއްވި އެ ބޭންކުގެ 37 ވަނަ އަހަރީ އާންމު ޖަލްސާގައި ފާސްކުރި 2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާ ބެހުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިހާރު ދެއްވާފައިވާ ކަމަށެވެ.

އެ ބޭންކުން 2019 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ބަހާފައި ވަނީ 26 ރުފިޔާގެ އެވެ. އެގޮތުން 139.929.92 މިލިއަން ރުފިޔާ ހިއްސާދާރުންނަން ބެހުމަށް އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ފާސްކޮށްފައިވެ އެވެ.

ބީއެމްއެލުން ބުނީ ހިއްސާގެ ފައިދާ އެކައުންޓަށް ޖަމާކުރުމަށް އެދުނު މީހުންގެ އެކައުންޓަށް މިހާރު އެ ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.

އަހަރީ އާންމު ޖަލްސާގައި ފާސްކުރި ގޮތަށް ހިއްސާގެ ފައިދާ ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 18ވަނަ ދުވަހާ ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ހިއްސާދާރުންނަށެވެ.

ބީއެމްއެލްއިން ބުނީ ހިއްސާދާރުންގެ ހިއްސާގެ ފައިދާ އެކައުންޓަށް ޖަމާކުރެއްވުމަށް ނުވަތަ ބޭންކް އެކައުންޓް ބަދަލުކުރެއްވުމަށް ބޭނުންވާ ހިއްސާދާރުން އަންނަ މަހުގެ 30ވަނަ ދުވަހުގެ ކުރިން މައުލޫމާތު ފޯމު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

ހިއްސާދާރުންގެ މައުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު ބީއެމްއެލްގެ މައި އޮފީހުގެ ހަވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ނުވަތަ ބޭންކުގެ ބްރާންޗަކަށް ނުވަތަ ބޭންކަށް އީ-މެއިލް ކުރުމަށް އެ ބޭންކުން އެދެ އެވެ.