ރާއްޖޭގައި ޝިޕިން އެޖެންސީގެ ހިދުމަތްދޭ ފަރާތްތައް ރަޖިސްޓްރީ ކުރުމާއި އެ ފަރާތްތަކަށް ނެގޭނެ ފީތައް ކަނޑައެޅުމާ ގުޅޭ ގޮތުން އެކުލަވާލި ގަވާއިދު ބާތިލްކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ވަނީ "ދިވެހިރާއްޖޭގައި ޝިޕިން އޭޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު" އާންމުކޮށް އެ ގަވާއިދަށް އަމަލުކުރަން ފަށާފަ އެވެ. އެ ގަވާއިދުގައިވާ ގައިވާ ގޮތުން، ރާއްޖޭގައި ޝިޕިން އެޖެންޓުންގެ ގޮތުގައި ވެވޭނީ މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީގައި ރަޖިސްޓްރީ ވެގެންނެވެ.

އަލަށް އެކުލަވާލި އެ ގަވާއިދު ބުނި ގޮތުން، ޝިޕިން އޭޖެންޓްކަން ކުރުމުގެ ލައިސަންސް ދޫކުރާނީ، ފަސް އަހަރުދުވަހުގެ މުއްދަތަށެވެ. ޝިޕިން އޭޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރާއި ކޮންސައިނީ މުދަލެއް ހަވާލުކޮށް، އެ މުދާ އެންމެ ފަހު ބަނދަރަށް ބޭލުމާ ހަމަޔަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކަންވާނީ ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވަޑަރެވެ.

މީގެ އިތުރުންވެސް، ޝިިޕިން އެޖެންސީން ދޭ ހިދުމަތްތަކާއި މަސްއޫލިއްޔަތު އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

އެ ގަވާއިދާ ހިލާފުވާ ފަރާތްތައް 10،000 ރުފިޔާއިން ޖޫރިމަނާކުރާނެ އެވެ. އަދި އެކަން ތަކުރާރު ނުކުރުމަށް ލިޔުމުން އަންގާނެ ކަމަށްވެސް ގަވައިދުގައި ބުނެފައިވެ އެވެ.

އެހެން ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އިއްޔެ އެ ގަވާއިދު އުވާލާފަ އެވެ. އެގޮތުން، "ދިވެހިރާއްޖޭގައި ޝިޕިން އޭޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވާއިދު އުވައިލުމުގެ ގަވާއިދު" ގެ ނަމުގައި އިއްޔެ އެ މިނިސްޓްރީން ވަނީ ގަވާއިދެއް ގެޒެޓްކޮށްފަ އެވެ.

އިއްޔެ ގެޒެޓްކުރި ގަވާއިދުގައިވާ ގޮތުން، އެ ގަވާއިދު ގެޒެޓްކުރާ ދުވަހުން ފެށިގެން ކުރީގެ ގަވާއިދު އުވޭނެ އެވެ.