Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ. އެ އެއާޕޯޓުގެ ތަރައްގީއަށް ނެގި ލޯނުތައް ދައްކަން އުފެއްދި ފަންޑަށް މިހާތަނަށް 705 މިލިއަން ރުފިޔާ ޖަމާކޮށްފައިވޭ.

އެއާޕޯޓު އާ ރަންވޭ ބޭނުންކުރަން ފެށުން އޮގަސްޓަށް ލަސްވެއްޖެ

FacebookTwitterWhatsAppTelegramViber

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ބޭނުންކުރުން އަންނަ އޮގަސްޓް މަހަށް ލަސްވެއްޖެ އެވެ. އެ އެއާޕޯޓުގައި އަލަށް ހެދި ކޯޑް އެފް ރަންވޭ ބޭނުންކުރަން ނިންމާފައި މިއަހަރުގެ ކުރީކޮޅު އެވެ.

ވެލާނާ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އިސް އޮފިޝަލަކު ވިދާޅުވީ، އެއާބަސް އޭ 380 ޖެއްސޭ ފެންވަރަށް ތަރައްގީކުރި ރަންވޭ ބޭނުންކުރުން ލަސްވީ އެ އެއާޕޯޓުގައި ހަދާ ސީ ޕްލޭން ޓާމިނަލް ނުނިމިގެން ކަމަށެވެ.

އެ ޓާމިނަލް ނިމޭނެ ކަމަށް އެމްއޭސީއެލް އިން މިހާރު ލަފާކުރަނީ އަންނަ ޖުލައި މަހު އެވެ. އެ ކުންފުނިން ކުރިން ނިންމާފައި އޮތީ ސީ ޕްލޭންތައް މަރާމާތުކުރަން އަލަށް ހެދި ހެނގަރު ނިމުމުން، މިހާރު ޓީއެމްއޭ އިން ބޭނުންކުރާ ހެނގަރު ނެގުމަށްފަހު އެވެ. އެކަމަކު އެ ހެނގަރު ނިމުނު ނަމަވެސް އެތަނަށް ބޭނުން ބޭނުންވާ ގިނަ ސާމާނު ރާއްޖެ ގެނެވެނީ އަންނަ މަހު އެވެ.

އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވީ ރަންވޭ ބޭނުންކުރަން މިހާރު ނިންމާފައި އޮތީ އަލަށް ހަދާ ސީ ޕްލޭން ޓާމިނަލް ނިމުމުން ކަމަށެވެ.

ދިގު މިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 65 މީޓަރު ހުންނަ މި ރަންވޭ އަކީ އެ އެއާޕޯޓުގެ ތާރީޚުގައި ވެސް ހިންގި އެންމެ ބޮޑު މަޝްރޫއު އެވެ. އެ ރަންވޭ އަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ގައި ވަނީ ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސައިފަ އެވެ. ރާއްޖޭގެ އެއާޕޯޓެއްގައި ފުރަތަމަ ފަހަރަށް އޭ 380 މަރުކާގެ މަތިންދާބޯޓެއް ޖެއްސި އެ ތާރީޚީ ދުވަހު، އެތަނަށް ޖެއްސީ ޔޫއޭއީގެ އިއްތިހާދު އެއާވޭސް އެއާބަސް އޭ 861-380 މަރުކާގެ ބޯޓެކެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ. އެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top