ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމާއި ލޯގޯ ބަދަލުކޮށް، ކުންފުނި ރީ ބްރޭންޑް ކުރަން ނިންމައިފި އެވެ.

އެޗްޑީސީގެ ނަން "މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާބަންކޯ)އަށް ބަދަލުކުރަން ނިންމިއިރު، ތިލަފުއްޓާއި ގުޅިފަޅު ބަލަހައްޓާ އެ ކުންފުންޏާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ވަނީ އެއްކޮށްލައިފަ އެވެ.

އެޗްޑީސީގެ ބޯޑު މެމްބަރަކު ނަން ނުޖެހުމަށް އެދި މިއަދު ވިދާޅުވީ ކުންފުނީގެ ނަމާއި ލޯގޯ ބަދަލުކުރަން ނިންމީ ކުންފުނި މިހާރު ހައުސިން އިން އާބަން ޑިވެލޮޕްމަންޓްގެ ތެރެއަށް ވަނުމާ ގުޅިގެން ކަމަށެވެ.

"މިހާރު އެ އޮތީ ކުންފުނީގެ ބެލުމުގެ ދަށަށް ތިލަފުއްޓާއި ގުޅިފަޅު ވެސް ބަދަލުވެފައި. އެހެންވީމަ ކުންފުންޏަށް އަބަދު ހައުސިން ކީމަ ކަމުނުދާތީ ނަމާއި ލޯގޯ ބަދަލުކުރަން ނިންމީ،" އޭނާ ވިދާޅުވި އެވެ.

އެ ބޯޑު މެމްބަރު ވިދާޅުވީ އެޗްޑީސީ ރީބްރޭންޑް ކުރުމާ ބެހޭ ގޮތުން ބޯޑުން މީގެ މަހެއްހާ ދުވަސްކުރިން ނިންމައި، ކުންފުނީގެ ލޯގާ ޑިޒައިންކުރުމާއި ނަން ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާ ކަމަށެވެ. އަދި އެ ބަދަލުތައް ގެނައުމަށްފަހު ރައީސް އޮފީހަށް ވެސް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސްގެ ގަރާރަކުން 2001 ވަނަ އަހަރު އުފެއްދި ހުޅުމާލެ ޑިވެލޮޕަމަންޓް ޔުނިޓްގެ ނަން 2005 މާޗް 23ގައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމަށް ބަދަލުކުރި އެވެ. އަދި އެ ނަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ބަދަލުކުރީ އެމްޑީޕީގެ ވެރިކަމުގައި 2009 ވަނަ އަހަރު އެވެ.