ލ. ގާދޫގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއް ހަދަން ދިރާސާއެއް ހަދާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚަބުގައި އެމްޑީޕީން ކުރިޔަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ރޭ ވިދާޅުވީ ލ. އަތޮޅަކީ މިސަރުކާރުން ތަރައްގީގެ މައި މަރުކަޒެއްގެ ގޮތުގައި ތަރައްގީކުރާނެ ސަރަޙައްދެއް ކަމަށެވެ. އެގޮތުން އެ އަތޮޅުގައި ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކާއި ބައިނަލްއަގުވާމީ އެއާޕޯޓަކާއި ސިއްހީ ދާއިރާއިންނާއި ތައުލީމީ ދާއިރާއިން ވެސް މުހިންމު މަޝްރޫއުތަކެއް ހިންގާ އާބާދީއާއި ތަރައްގީ އެއްފަސްވެފައިވާ ސަރަހައްދެއްގެ ގޮތުގައި ތަރައްގީކުރަން ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ލ. އަތޮޅަކީ އަޅުގަނޑުމެންގެ ތަރައްގީގެ މަޝްރޫއުގައި ބޮޑު ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމާފައިވާ ސަރަހެއްދެއް. އެގޮތުން ވައިގެ ބަނދަރާއި، ކަނޑުމަގުން ކޮމާޝަލް ޕޯޓާއި ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާއާއި ޚާއްސަކޮށް ޓޫރިޒަމްގެ ދާއިރާއަށް ވެސް މުހިންމުކަން ދީގެން ކުރިއަށް މިގެންދަނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި އަހަރުގެ ތެރޭގައި އެ އަތޮޅުން ޓޫރިޒަމަށް ރަށްތަކެއް ހުލުވާލުމަށް ވެސް ނިންމަވާފައިވާ ކަމަށެވެ. އެއީ، އެއީ ކަށިދޫއާއި، ބޮޑުމުނިޔަފުއްޓާއި، ދޮންބެރަހާ އާއި، ހޮޅުރަހާ ކަމުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.