ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމަށް އައިޝަތު ސަމާހު ހަމަޖައްސައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ ސަމާހު ވަނީ ބޭންކުގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓްގައި 13 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ކަމަށެވެ. މީގެ އިތުރުން 2009 ވަނަ އަހަރުން ފެށިގެން ސަމާހު އަންނަނީ ބޭންކުގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމު ވެސް އަދާކުރައްވަމުން ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނިގޮތުގައި ބޭންކިން އަދި ގާނޫނީ ދާއިރާއިން އޭނާ ހާސިލްކުރައްވާފައިވާ ތައުލީމާއި ހޯއްދަވާފައިވާ ތަޖުރިބާއާއެކު ސަމާހު ވަނީ ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތައް ހިފެހެއްޓެވުމުގައި މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ. އަދި އެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ސަމާހު ހުންނެވީ ހެޑް އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ކަމުގެ މަގާމުގަ އެވެ. އަދި ކޮމްޕެނީ ސެކްރެޓަރީގެ މަގާމުގައި ދެމިހުންނަވާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ޑައިރެކްޓަ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒްގެ ގޮތުގައި ސަމާހު ބޭންކުގެ އެގްޒެކްޓިވް ޓީމާ ގުޅިވަޑައިގެންނެވުމުން މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ސަމާހު ފަދަ ތަޖުރިބާ ހޯއްދަވާފައިވާ ދިވެހި ބޭފުޅަކު އައު މަގާމަކާއެކު ބޭންކުގެ ލީޑަޝިޕް ޓީމަށް އައްޔަންކުރެވިގެން ދިޔުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ

އެ ބޭންކުގެ އޮނިގަނޑަށް ގެނައި އިތުރު ބަދަލުތައް ވެސް މިއަދު ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ބޭންކުގެ ޑިޖިޓަލައިޒޭޝަން ސްޓެރެޓެޖީއާ އެއް ގޮތަށް މަސައްކަތް ބައްޓަންކުރުމުގެ ގޮތުން ކާޑްސް އެންޑް ޑިޖިޓަލް ބޭންކިން ވަނީ އަލަށް އެކުލަވާލެވުނު ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން ޑިވިޝަންގެ ދަށަށް ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން މަރިޔަމް ހަމީދު ވަނީ ބޭންކުގެ ޗީފް ކޮމްޕްލަޔަންސް އޮފިސަރުގެ މަގާމަށް އައްޔަންކޮށްފަ އެވެ. އެއާއެކު ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. އެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން މަރިޔަމް ހުންނެވީ ހެޑް އޮފް ސެންޓްރަލައިޒްޑް ސާވިސަސްގެ މަގާމުގަ އެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުންޏެވެ.

އެ ބޭންކުގެ 99 ޕަސެންޓް މުވައްޒަފުންނަކީ ފަހްރުވެރިމަކާއެކު ވަޒީފާ އަދާކުރަމުންދާ ދިވެހިންނެވެ.

ބޭންކުން އަންނަނީ މުވައްޒަފުންނާ ގުޅޭ ގޮތުން ވަޒީފާ ދިނުމާއި ތަމްރީނުކުރުމާއި އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި އަމަލުކުރަމުންނެވެ.