ކޮވިޑް 19އާ ގުޅިގެން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޢާއިލާ ގާތަށް ނުދެވި އެތައް މަހެއް ވެފައިވާތީއާއި އެފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދިނުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅައިފި އެވެ.

މިމައްސަލަ ހުށައެޅުއްވީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފް އެވެ.

ހުސެއިން ހުށައެޅުއްވި މައްސަލައިގައި ބުނެފައިވަނީ ކޮވިޑް 19 އާ ގުޅިގެން ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށް އާއިލާ ގާތަށް ނުދެވި އެތައް މަހެއް ފާއިތުވަމުންދާތީ އެމުވައްޒަފުންނާއި އާއިލާތަކަށް ވަރަށް ބޮޑު ހިތްދަތިކަމެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ބައެއް ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރަށާއި ކިތަންމެ ކައިރި ރިސޯޓެއްގައި މަސައްކަތް ކުރަންޖެހުނު ކަމުގައިވިޔަސް އާއިލާގާތަށް ދެވޭނެ އެއްވެސް ފުރުސަތެއް ނެތި، ގިނަ މުވައްޒަފުންތަކެއް ކޮވިޑް19 އާއި ގުޅިގެން ރަށު ބަންދުގައި ތިބޭތާ އަހަރެއްހާ ދުވަސް ވެފައިވާކަމަށާއި އަދި ޢާއިލާގާތަށް ދިޔަ މުވައްޒަފުން އެނބުރި ރިސޯޓުގެ މަސައްކަތަށް ނުނުކުމެވި އާމްދަނީއެއް ނެތި ތިބޭތާ އެތައް މަހެއް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާން އާބާދީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗަކީ ޢާއިލާގާތަށް ދާންޖެހޭނަމަ ދިހަ ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަންޖެހުމާއި، ބައެއް ރިސޯޓުތަކުން ކަރަންޓީނު މުއްދަތު ނޯޕޭގެ ގޮތުގައި ގުނަމުންދާ މައްސަލައާއި، ކޮންމެ ހަފްތާއަކުވެސް އޮފް ނަގަން މަޖުބޫރުވާއިރު އޮފްޑޭ އެއްކޮށް ލިބޭނެ ގޮތެއް ނެތުމާއި، ބައެއް ރަށްރަށުގައި ކަރަންޓީނު ވާނެ ތަނެއް ނެތުމާއި ނުވަތަ ކުއްޔަށް ތަންތަން ހިފައިގެން ކަރަންޓީނު ވާންޖެހުމާއި، މުވައްޒަފުން ޑޮކްޓަރަށް ދައްކަން ދާންވެސް ބޮޑު ތަކުލީފުތަކެއް އުފުލަންޖެހޭ ފަދަ ގޮތަކަށް ކަންކަން ތަރުތީބު ކުރެވިފައިވުން،" ހުސެއިން ވިދާޅުވި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު އެކުލަވާލާފައިވާ އުސޫލުގައި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން މާލެ ފިޔަވާ އެހެންތަކަނަކަށް ދާކަމުގައިވާނަމަ ކަރަންޓީނު ވާންޖެހޭ ގޮތަށް އޮތް ކަމުގައިވިޔަސް ހަމަ މި އުސޫލުގެ ދަށުން ފަތުރުވެރިންނަށް އެ ރަށްރަށަށް ގޮސް ކަރަންޓީނު ނުވެ، މާސްކު ނާޅާ ރަށުގައި މިނިވަންކަމާއެކު އުޅުމުގެ ފުރުސަތު ލިބޭތީ، އަދި މިކަމުގެ ސަބަބުން އެރަށުގައި ކޮވިޑް 19 ފެތުރުމުގެ ފުރުސަތު ލިބޭ ކަމަށް ހުސެއިން ވިދާޅުވި އެވެ. އަދި ފަތުރުވެރިންގެ ފަރާތުން މިފަދަ ކޭސްތައް މިހާތަނަށް ކުރިމަތިވެފައި ވާ ކަމަށާއި ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެންމެ ބޮޑަށް ނުރައްކަލަށް ހުށައެޅިފައިވާ ފަރާތްތައް ކަމަށްވެފައި، ރިސޯޓްތަކުގައި ފަތުރުވެރިން މާސްކު ނާޅާ ވަރަށް މިނިވަންކަމާއެކު އުޅެމުންދާއިރު ރިސޯޓްތަކުގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ނުދާތީ މުވައްޒަފުންގެ ވަރަށްބޮޑު ކަންބޮޑުވުމެއް އެބައޮތް ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މުވައްޒަފުންނާމެދު އެކި ރިސޯޓްތަކުން އެކި ގޮތަށް ޢަމަލުކުރުމާއި ކޯވިޑް19 އާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ މިފަދަ ފިޔަވަޅުތަކާ ގުޅިގެން ދިމާވާ ދަތިތަކާ ގުޅޭގޮތުން ރިސޯޓްތަކުގެ މެނޭޖްމަންޓާއި އެޗްޕީއޭއާއި ޓޫރިޒަމް މިނިސްޓްރީއަށް އެތައްފަހަރެއްގެ މަތިން ޝަކުވާ ހުށައެޅި މިކަންކަމަށް ޙައްލެއް ނުލިބުމުގެ ސަބަބުން އެ މުވައްޒަފުންވަނީ ވަރަށް ބޮޑަށް މާޔޫސްވެފައި. ފަތުރުވެރިކަން ކުރިއެރުވުމަށް ފަހިވާގޮތަށް ސަރުކާރުން މިފަދަ ޤަވައިދުތަކާއި އުސޫލުތައް އެކުލަވާލުމުގައި ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހި އެތައް ހާސް މުވައްޒަފުންގެ ޙައްޤުތައް ގެއްލިގެން ދިއުމަކީ އެއްވެސް ގޮތެއްގައި ބަލައިގަނެވޭނެ ކަމެއްނޫން،'' ހުސެން ވިދާޅުވި އެވެ.

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކޮށް ކަމާބެހޭ އިދާރާތަކުން މިކަންކަން ފުރިހަމަ އަށް ބަލާ މޮނިޓަރކޮށް އެ މުވައްޒަފުންގެ ޙައްޤުތައް ކަށަވަރުކޮށް ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.