ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކު އެއްދުވަހުގެ ޗުއްޓީއެއް ދޭން އެ ކުންފުނިން ނިންމައިފި އެވެ.

ދުނިޔޭގެ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އިއްޔެ ވަނީ "ކަނބަލުންގެ ޗުއްޓީ"ގެ ނަމުގައި އަންހެނުންނަށް ހާއްސަ މަހަކު އެއްދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމައި، އެކަން އިއުލާންކޮށްފަ އެވެ.

މިއާއެކު ދެން އެކުންފުނީގެ އަންހެން މުއައްޒަފުންނަށް ކޮންމެ މަހަކު ވެސް އެއް ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ. 166 އަންހެން މުއައްޒަފުން މިވަގުތު މަސައްކަތްކުރާ އެޗްޑީސީއަކީ ރާއްޖޭގައި މިފަދަ ޗުއްޓީއެއް ދިނުމަށް ނިންމި ފުރަތަމަ ކުންފުންޏެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ހެނދުނު އެ ކުންފުނީގެ އަންހެން މުއައްޒަފުންނަށް ހާއްސަކޮށްގެން އިންސްޓިޓިއުޓް ފޯ ވެލްނެސްއާއެކު ވަނީ އޮންލައިން ސެޝަނެއް ބާއްވާފަ އެވެ.

ހައިޟުވުމާ ގުޅިގެން އަންހެން މުއައްޒަފުންނަށް ސަލާމުގެ ޗުއްޓީގެ އިތުރުން އެއް ދުވަހުގެ ޗުއްޓީއެއް ދިނުމަށް މިދިޔަ އަހަރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. ނަމަވެސް ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ދިނުން ލާޒިމްކުރުމަށް ހުށަހެޅުނު މިހުށަހެޅުން މަޖިލީހުން ފާސްވެފައެއް ނުވެ އެވެ.