އެޕަލް އިން މިވަނީ ސިންގަޕޫރުގައި ވަރަށް ކުރިއަށް ޖައްސާލާފަ އެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެޕަލްއިން ވަނީ ސިންގަޕޫރުގެ މަޝްހޫރު މެރީނާ ބޭގައި އެޕަލްގެ ފުރަތަމަ "ފްލޯޓިން" ފިހާރަ ވެސް ހުޅުވައިފަ އެވެ. އަދި މިހާރު މިވަނީ އައިވޮޗްގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ސަރުކާރާއި އެކީ ޑީލެއް ހަދާފަ އެވެ.

މި ޑީލްގެ ދަށުން އެޕަލް ވޮޗް އަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސިއްހަތާއި ގުޅޭ އެޕެއް ބޭނުންކޮށްގެން ކަސްރަތު ކުރާ ފަރާތްތަކަށް އެތައް ސަތޭކަ ޑޮލަރު ދޭން ނިންމާފައިވާ ކަން އަންގާރަ ދުވަހު ވަނީ ހާމަކޮށްފަ އެވެ.

މި އެޕް ބޭނުންކުރާ ފަރާތްތަކަށް ކޮންމެ ހަފްތާއެއްގައި ވެސް ވަކި ވަރަކަށް ކަސްރަތުކޮށް، ހިނގުން، ދުވުން، މޫދަށް ދިއުން އަދި ޔޯގާ ކުރުން ފަދަ އެކި ކަހަލަ ހަރަކާތްތައް ފުރިހަމަ ކުރުމަށް ބާރުއަޅަ އެވެ. މީގެ އިތުރުން ހެލްތް ޗެކްއަޕްތަކާއި އިމިއުނިޒޭޝަން އެޕޮއިންޓްމެންޓް ތައް ހެދުމަށް ހަނދާންކޮށްދެ އެވެ. މި ހަރަކާތްތައް ފުރިހަމަކޮށްގެން އެ އެޕް ބޭނުންކުރާ މީހުންނަށް 380 ސިނަގްޕޫރު ޑޮލަރު (280 އެމެރިކާ ޑޮލަރު) ހޯދޭނެ އެވެ.

މިކަމާ ގުޅިގެން އެޕަލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން މިއީ މިފަދަ އެންމެ ފުރަތަމަ ޕާޓްނާޝިޕް އެވެ.

"ސިންގަޕޫރަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސިއްހީ ނިޒާމް އޮންނަ ގައުމު. އެމީހުންނާއި އެކު ޕާޓްނާޝިޕަކަށް ދިއުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް،" އެޕަލްގެ ޗީފް އޮޕަރޭޓިން އޮފިސާ، ޖެފް ވިލިއަމްސް ވިދާޅުވި އެވެ. ---ސީއެންއެން