ޑިމާންޑު ބޮޑުވުމުން އެމިރޭޓްސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއާލައިންތަކުގެ ތެރޭގައި ހިމެނޭ ދުބާއީގެ އެމިރޭޓްސް އެއާލައިނުން ވަނީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ހަފްތާއަކު 28 ދަތުރު ރާއްޖެއަށް ކުރުމަށް ނިންމާފަ އެވެ. މިއީ މިއަހަރުގެ ހޫނު މޫސުމާއި ދިމާކޮށް ގެނައި ބަދަލެއް ކަމަށް އެމިރޭޓްސްއިން ބުންޏެވެ.

އެމިރޭޓްސްއިން ރާއްޖެއަށް މިހާރު ބާއްވަނީ ހަފްތާއަކު 24 ފްލައިޓެވެ.

އެމިރޭޓްސްއިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ދުބާއީއާއި ރާއްޖެއާ ދެމެދު އެވެ.

މި ފްލައިޓްތައް ރާއްޖެ އަށް މެއި މަހުގެ ނިޔަލަށް އޮންނާނެ އެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ އެމިރޭޓްސްގެ އީކޭ 652 ގެ މަތިންދާ ބޯޓުތަކެވެ. އެމިރޭޓްސްގެ ފްލައިޓު ދުބާއީން ފުރާނީ އެ ގައުމުގެ ގަޑިން ހެނދުނު 9:45 ގަ އެވެ. އަދި ރާއްޖެއަށް ޖައްސާނީ 15:00 ގަ އެވެ. އަދި ރާއްޖޭން ދުބާއީއަށް ފުރާނީ 16:30 ގަ އެވެ. ދުބާއީއަށް ޖައްސާނީ ރޭގަނޑު 19:35 ގަ އެވެ.

އެމިރޭޓްސްއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ދަތުރުތައް ބާއްވާ އެއާލައިން އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އުފުލާފައި ވަނީ ވެސް އެ އެއާލައިނުންނެވެ.