މިދިޔަ އޮގަސްޓް މަހު ރާއްޖެ އައި ފަރާތްތަކުންގެ އަދަދު 69.36 ޕަސެންޓް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިދިޔަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރާއްޖެ އައިސްފައިވަނީ 7،607 ފަރާތް ކަމަށެވެ. އަދި މިދިޔަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖެ އައިސްފައި ވަނީ 12،883 ފަރާތް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ. އެހެންކަމުން އެއީ ކުރިން އައި އަދަދަށްވުރެ 69 ޕަސެންޓް އިތުރުވުމެކެވެ.

އެ ކުންފުނިން ބުނީ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ރާއްޖެއިން 9،241 ފަރާތް ފުރާފައިވާ ކަމަށެވެ. އަދި މިދިޔަ މަހާއި މި މަހުގެ މިހާތަނަށް ރާއްޖެއިން ފުރާފައިވަނީ 14،984 ފަރާތެކެވެ. އެއީ ކުރީގެ އަދަދަށްވުރެ 62.15 ޕަސެންޓް އިތުރުވުމެކެވެ.

މިދިޔަ މަހުގެ 16 އިން އިއްޔެގެ ނިޔަލަށް ރާއްޖޭގައި 441 ބައިނަލްއަގުވާމީ އެއާ ޓްރެފިކް މޫވްމެންޓް ރެކޯޑުކުރެވިފައިވާ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ބައިނަލްއަގުވާމީ ދަތުރުތައް އިތުރުވިޔަސް ރާއްޖޭގެ އެތެރޭގެ ދަތުރުތައް ވަނީ އެ މުއްދަތުގައި މަދުވެފަ އެވެ. ސަބަބެއް ކަމަށް ބެލެވެނީ ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެއައުން މަނާކޮށްފައި އޮތުމެވެ.