މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މިގޮތުން މުޖުތަމައުގެ ލާބައާއި މަންފާއަށް ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށުގެ ޖަމިއްޔާތަކާއި އާންމު ފަރުދުންނަށް އަމާޒުކޮށް ބޭންކުން ހިންގި ޕްރޮޖެކްޓްތަކާއި ސްޕޮންސަޝިޕްތައް މެދުވެރިކޮށް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ބީއެމްއެލްއިން މިދިޔަ އަހަރުތެރޭ ކުރި މުހިންމު މަސައްކަތްތަކާއި މުޖުތަމައަށް އެހީތެރިވުމަށް މާލީ ގޮތުންވެދީފައިވާ އެހީތެރިކަމާ ގުޅޭ މަައުލޫމާތު ހިމެނޭ ސަސްޓެއިނަބިލިޓީ ރިޕޯޓް 2020 ވަނީ އިއްޔެ ބޭންކުގެ ވެބްސަައިޓްގައި ޝާއިއުކޮށްފަ އެވެ. ކޮވިޑްގެ ބަލި މަޑުކަމާއެކު ދިމާވި ދަތި އުނދަގޫތަކާއެކު ވެސް ބޭންކުން ވަނީ ސީއެސްއާރު ޕްރޮޖެކްޓްތަކަށް ހިންގައި، އާންމު ފަރުދުންނާއި މުޖުތަމައުތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ދަތިތަކެއް ކުރިމަތިވެގެން ދިޔަ ނަމަވެސް ބޭންކުގެ އިޖްތިމާއީ ޒިންމާގެ ދަށުން ފާއިތުވެދިޔަ އަހަރު ވެސް ހަރަކާތްތަކެއް މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގި އެވެ. ދެމެހެއްޓެނިވި މަޝްރޫއުތަކެއްގެ ޒަރިޢާއިން ވަކިވަކި ފަރުދުންނާއި ޖަމިއްޔާ ޖަމާޢާތްތައް ބާރުވެރިކުރުމުގެ ގޮތުން ހިންގޭ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް އެއްމިލިއަން ރުފިޔާގެ 20 މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަގައި ހިންގުމަށް އިންވެސްޓްކުރި ކަމަށް އެ ރިޕޯޓުގައިވެ އެވެ. މިގޮތުން ސްކޫލްތަކުގެ ކްލާސްރޫމްތަކަށް ބޭނުންވާ ތަކެތި ހޯދުމާއި ލައިބްރަރީ ތަރައްގީކުރުމާއި، ޕާކު އަދި ޖިމް ހެދުން، ނޭޗަ ޕާކް ތަރައްގީކުރުމާއި، ސޯލާ ލައިޓް ހަރުކުރުމުގެ ޕްރޮޖެކްޓްތަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

ކޮވިޑްގެ މި ދަތި ހާލަތުގައި ވެސް ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީ މިދިޔަ އަހަރު 100 އަށްވުރެ ގިނަ ރަށަށް އެހީތެރިކަން ފޯރުކޮށްދީފައިވޭ. ފޮޓޯ: ބީއެމްއެލް

ރާއްޖޭގައި ހިންގާ ޖަމިއްޔާތަކުން މުޖުތަމައަށް އެހީފޯރުކޮށްދިނުމަށް ހިންގާ ގިނަ ޕްރޮޖެކްޓްތަކަށާއި މަސައްކަތްތަކަށް އެހީވުމަށް އެ ބޭންކުން އަބަދުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިދިޔަ އަހަރު ކެންސާ ސޮސައިޓީ އޮފް ދަ މޯލްޑިވްސް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރަން ކުރާ މަސައްކަތައް އެހީތެރިކަން ފޯރިކޮށްދީ ފެމަލީ ލީގަލް ކްލިނިކް ގެ ފަރާތުން ކުރިޔަށް ގެންދާ ލީގަލް އެއިޑް ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް އެހީވުމަށާއި އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން މާލީ އެހީތެރިކަން ވަނީ ފޯރިކޮށްދީފަ އެވެ. އެއާއެކު، ކޮވިޑް-19 ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވުމަށް ހިންގުނު އާކް އެއިޑް ޕްރޮގްރާމަށް 150،000 ރުފިޔާ ހަދިޔާކޮށް 587 ކުދިން ހިމެނޭހެން 300 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަނީ ބައިވެރިވެފަ އެވެ.

ބީއެމްއެލް އިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި އިޖުތިމާއީ ކަންކަމަށް ބޮޑު ހޭދައެއްކޮށްފައި. ފޮޓޯ: ބީއެމްއެލް

އެ ބޭންކުން ވަނީ އަތޮޅު ތެރޭގައި ބޭންކިން ވިއުގަ ފުޅާކުރުމަށް ވެސް މިދިޔަ އަހަރު އިތުރަށް އިންވެސްޓް ކޮށްފަ އެވެ. މި ގޮތުން ނުވަ ރަށެއްގައި އަލަށް ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު ހުޅުވައި އިތުރު ފަސް ރަށެއްގައި ބަހައްޓާފައި ހުރި އޭޓީއެމް ސެލްފް ސާވިސް ބޭންކިން ހިދުމަތްތައް ލިބޭނެހެން ބަދަލު ބީއެމްއެލް އިން ގެނެސްފައިވެ އެވެ. އަދި ކޭޝް އޭޖެންޓް ވިއުގަ ފުޅާކޮށް 200 އަށް ވުރެ ގިނަ އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ޚިދުމަތްތައް ލިބޭނެ މަގު ވެސް އެ ބޭންކުން ވަނީ ތަނަވަސްކޮށްދީފައިވެ އެވެ. މީގެ ތެރެއިން 40 އަށް ވުރެ އޭޖެންޓުން މެދުވެރިކޮށް މިހާރު ވަނީ ފައިސާ ޖަމާކުރުމާއި ލޯނަށް ފައިސާ ދެއްކޭނެ މަގު ވެސް ފަހިކޮށްދީފައިވެ އެވެ.

ބީއެމްއެލް އިން މިދިޔަ އަހަރު ވެސް ސްޕޮންސާޝިޕާއި މުޖުތަމައަށް ފައިދާހުރި ގިނަ ކަންކަމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން. ފޮޓޯ: ބީއެމްއެލް

އެ ބޭންކުން ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް ވީލްޗެއަރ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއާ އެއް ހަދިޔާ ކުރުމުގެ ގޮތުން އިސްނަގައިގެން ކުރިޔަށް ގެންދާ ޕްރޮގްރާމުގެ ދަށުން 65 ވީލްޗެއާ މިދިޔަ އަހަރު ވަނީ ހަދިޔާ ކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް 1.2 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުންނާއި މި ހާލަތުން އަރައިގަނެވޭނެ މުއްދަތެއް އަދި އަންދާޒާ ކުރަން ދަތިވެފައިވީ ނަމަވެސް، އެ ބޭންކުން މިއަހަރު ތެރޭގައި ވެސް ރާއްޖޭގެ ރައްޔިތުންނާއި މުޖުތަމައުގެ ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވެ އެވެ.