ރާއްޖޭގެ ޓޫރިޒަމް މިހާރު ކުރިޔަށްދާ ގޮތަށް ހިފެހެއްޓޭނީ ރައްކާތެރި ތަނެއްގެ ގޮތުގައި އޮވެގެން ކަމަށާއި، ރައްކާތެރިކަމެއް ނެތް ތަނަކަށް ޓޫރިސްޓުން ނުދާނެ ކަމަށް ރާއްޖޭގެ އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަހުމަދު މުޖުތަބާ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް 50 އަހަރު ފުރުން ފުރޭ ރަންޔޫބީލް ލޯގޯ އިފްތިތާހުކުރުމުގެ ގޮތުން ވާހަކަދައްކަވަމުން މުޖުތަބާ ވިދާޅުވީ ޓޫރިޒަމް ހިފެހެއްޓޭނީ މާހައުލު ސަލާމަތުން އޮތް ތަނެއްކަން މީހުންނަށް ޔަގީންވެގެން ކަމަށެވެ.

"ސޭފްޓީއެއް ނެތް ތަނަކަށް ހަނގުރާމަ ދެކެ ލޯބިވާ ފިޔަވައި ނުދާނެ. އަޅުގަނޑުގެ ވާހަކައަކީ މިތަން އެބަ ދަމަހައްޓަން ޖެހެޔޭ ސޭފް ޑެސްޓިނޭޝަނެއްގެ ގޮތުގައި،" އޭނާ ވިދާޅުވި އެވެ.

މުޖުތަބާ ވިދާޅުވީ މިއީ ކޮވިޑާ ހެދި މީހުން ދަތުރުކުރަން ބިރު ގަންނަ ދުވަސްވަރެއް ކަމަށާއި މި ބަލިމަޑުންކަން ވެސް ނައްތާލަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

"ވެކްސިނޭޝަން ޕްރޮގްރާމެއް އެބަ ހިންގާ. ހަމަ އެގޮތަށް ދެން ހުރި ސޯޝަލް ކަންތައްތައް ވެސް ކޮށްގެން އަވަހަށް ޕެންޑެމިކުން ދިވެހިރާއްޖެ ސަލާމަތްވެވޭނީ،" އޭނާ ވިދާޅުވި އެވެ.