ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި އިންޑިއާގެ މުމްބާއީއާ ދެމެދު ސީދާ ދަތުރުތައް ފަށަން މޯލްޑިވިއަނުން ނިންމައިފި އެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވިދާޅުވީ މާފަރާއި މުމްބާއީއާ ދެމެދު ސީދާ ދަތުރުތައް އަންނަ މަހުގެ 13 ވަނަ ދުވަހު ފަށަން ނިންމާފައިވާ ކަމަށެވެ. މިގޮތުން މޯލްޑިވިއަން އިން ހަފްތާ އަކު ތިން ދަތުރު މާފަރާއި މުމްބާއީއާ ދެމެދު ބާއްވާނެ ކަމަށް ވެސް މިހާދު ވިދާޅުވި އެވެ.

"މިހާރު އެކަމަށް ތައްޔާރުވެ، އޭޕްރީލް ތޭރަވަނަ ދުވަހު ފުރަތަމަ ފްލައިޓު މުމްބާއީއިން ޑައިރެކްޓުކޮށް މާފަރަށް ޖެއްސުމަށް ވަނީ ހަމަޖެހިފައި. އެކަމާ ގުޅޭ ހުރިހާ ތައްޔާރީއެއްވެ، އަޅުގަނޑުމެންގެ ޓީމުގެ މެންބަރުން ވަނީ ރިސޯޓުތަކާއި އެ ހިސާބުގެ ގެސްޓުހައުސްތަކާއެކު މަސައްކަތްތައް ކޮށްފައި،" އޭނާ ވިދާޅުވި އެވެ.

މިހާދު ވިދާޅުވީ މާފަރު އެއާޕޯޓު އޮންނަ ސަރަހައްދަކީ ގާތްގަނޑަކަށް 10،000 ޓޫރިސްޓު އެނދު ހިމެނޭ ސަރަހައްދެއް ކަމަށާއި އަލަށް ފަށާ މި ދަތުރުތަކުގެ ބޭނުން ރިސޯޓުތަކާ ގެސްޓަހުސްތަކުން ހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް ވަނީ ވަރަށް ރަނގަޅު ތަރުހީބެއް ލިބިފައި. އިރާދަ ކުރެއްވިއްޔާ އިންޑިއާގެ އެހެން ސިޓީއަކުން ވެސް [ދަތުރުތަައް] ފެށޭނެ ކަމުގެ އުންމީދުގައި،" އޭނާ ވިދާޅުވި އެވެ. "މި ފުރުސަތަކީ އެ އަތޮޅުތަކުގައި ގާއިމުކުރެވިފައިވާ ގެސްޓްހައުސްތަކަށްވެސް ވަރަށް ރަނގަޅު ފުރުސަތެއް."

މިހާދު ވިދާޅުވީ މާފަރުން ފުރައިގެން ނ، ރ، ބ އަދި ޅ. އަތޮޅުގެ ރަށްރަށަށް ސްޕީޑު ބޯޓުގައި ގަޑިއެއްހާ އިރުން ދެވޭނެ ކަމަށެވެ.

އިންޑިއާގެ ވިޔަފާރީގެ މަރުކަޒީ ރަށާއި މާފަރާ ދެމެދު ވައިގެ މަގުން ގުޅާލާއިރު، ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ވެސް އެ ގައުމުންނެވެ.

މުމްބާއީ އާއި މާފަރާ ދެމެދު ސީދާ ދަތުރުތައް ފަށާއިރު، ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް އެއާޕޯޓު އޮތީ މުއްސަނދިންގެ ޖެޓްތަކުން ފުރާލައިފަ އެވެ.