ތ. ވިލުފުށީގައި އެއާޕޯޓެއް ހަދަން ހުޅުވާލުމުން ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެމްޑީޕީން ކުރިއަށްގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިނުގައި ތ. އަތޮޅަށް ޚާއްސަކޮށްގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވިލުފުށީގައި އެއާޕޯޓެއް ތަރައްގީކުރައްވާނެ ކަމަށެވެ. އަދި އެއާޕޯޓު ހަދަން ޝައުގުވެރިކަން ފާޅުކުރި ފަރާތްތައް ޝޯޓްލިސްޓް ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާއިދާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ ސިޔާސަތުތަކުގެ ދަށުން ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާކަން ޔަގީން ކުރަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށުން ފުރައިގެން 30 މިނެޓުން ދެވޭ ސަރަހައްދުތަކުގައި އެއާޕޯޓު ހެދުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ސަރުކާރުން ވަނީ ހަތަރު ރަށެއްގައި އެއާޕޯޓް ހަދާނެ ފަރާތްތައް ހޯދުމަށް އިޢުލާންކޮށްފަ އެވެ. މީގެ ތެރޭގައި ވިލުފުށީގެ އިތުރުން ބ.ތުޅާދޫ އާއި ށ. ބިލަތްފައްސާއި ހދ. މަކުނުދޫ ހިމެނެ އެވެ.

އަންނަ މަހުގެ ދިހަ ވަނަ ދުވަހު އޮންނަ އިންތިހާބާ ދިމާކޮށް ރައީސް ގެންދަވަނީ ރަށްރަށުގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކާއި ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ވާހަކަތައް ކިޔައިދެއްވަމުންނެވެ.