ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީއާއެކު ގދ. ނަޑެއްލާ ކުޅީ ސަރަހައްދުގައި އީކޯ ޕާކެއް ހަދައިފި އެވެ.

ނަޑެއްލާ ގޮނާނިގިލި ކުޅީގައި ގާއިމްކޮށްފައިވާ އީކޯ ޕާކު ހުޅުވީ އިއްޔެ އެވެ. މި ޕްރޮޖެކްޓް ހިންގާފައިވަނީ ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑުސް) އިންނެވެ. މިއީ ގޮނާނިގިލި ކުޅީގެ ގުދުރަތީ ރީތިކަން އާއްމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާޙައުލެއް ގާއިމްކޮށްދިނުމާއެކު ކުޅީގެ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމަޔަށް ދަމަހައްޓާ އެތަނުގެ މައުލޫމާތު ޒިޔާރަތްކުރާ މީހުންނަށް ދިނުމުގެ މަގްސަދުގައި ހިންގި ޕްރޮޖެކްޓެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނީ މި ޕްރޮޖެކްޓްގެ ދަށުން އެ ކުޅީގައި ވިއުވިން ޕްލެޓްފޯމަކާއި، ކުޅި ހިމެނޭ ސަރަޙައްދުގައި ފަސް ބެންޗާއި، ފަސް ޑަސްބިން ބަހައްޓައި ފަސް ސޯލާ ބައްތި ހަރުކޮށްފައިވާ ކަމަށެވެ.

ބީއެމްއެލްގެ އެހީގައި ނަޑެއްލާގައި ހެދި އީކޯ ޕާކުގެ މަސައްކަތް ކުރިޔަށް ދަނީ. ފޮޓޯ: ބީއެމްއެލް

ނަޑެއްލާގެ އީކޯ ޕާކު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށްފަހު އެތަން ބެލެހެއްޓުމަށް ވަނީ ރަށު ކައުންސިލާ ހަވާލުކޮށްފަ އެވެ.

"މި މަސައްކަތް ހިލޭސާބަހަށް ކޮށްދެއްވާފައިވާތީ ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ނިޑުސް)ގެ ވޮލަންޓިއަރުންނާއި ރަށުތެރެއިން އެމަސައްކަތަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވި ދަރުމަވެރިންނަށާއި ނަޑެއްލާގެ ހެޔޮއެދޭ ފަރާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މި ޕްރޮޖެކްޓަށް ފަންޑުކޮށްދެއްވި ކަމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އަށް ނިޑުސް އާއި ނަޑެއްލާގެ ރައްޔިތުންގެ ނަމުގައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން،" މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ނިޑުސްއިން ބުންޏެވެ.

ބީއެމްއެލްގެ އެހީގައި ނަޑެއްލާގައި ހެދި އީކޯ ޕާކު. ފޮޓޯ: ބީއެމްއެލް

ބީއެމްއެލްއިން 2019 ވަނަ އަހަރު ތައާރަފްކުރި ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި ޕްރޮޖެކްޓް ހިންގަން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.