އުތުރުގެ އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހަދަން ފިނޭންސް މިނިސްޓްރީން ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް ފިނޭންސް މިނިސްޓްރީން ކުއްލިއަކަށް މިރޭ އިއުލާންކުރި ޓްރާންޝިޕްމަންޓް ބަނދަރަކީ ކޮން ރަށެއްގައި ހަދާ ބަނދަރެއް ކަމެއް ބުނެފައެއް ނުވެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯރަފުށީ ފަޅު ހިމެނޭ ގޮތަށް "އައިހެވަން"ގެ ނަމުގައި ބޮޑު ސަރަހައްދެއް ހިއްކައިގެން ޓްރާންޝިޕްމަންޓް ބަނދަރާއި ވައިގެ ބަނދަރެއް އަދި އިތުރު ވަސީލަތްތަކެއް ގާއިމުކުރަން ނިންމި އެވެ. އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕާ ހަވާލުކޮށްގެން ފީސިބިލިޓީ ސްޓަޑީއެއް ވެސް ހެދި އެވެ. ނަމަވެސް އެ މަޝްރޫއު ކުރިޔަށް ނުގެންދެވުނީ، ޗައިނާއިން އެ މަޝްރޫއަށް އިންވެސްޓްކުރާތީ އިންޑިއާއިން ނުފޫޒުފޯރުވައިގެން ކަމަށްވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނަރު ބޯޓު ފަހަރަށް ހިދުމަތް ދިނުމަށް 900 މީޓަރުގެ މަގަތު ފާލަމެއް ގާއިމުކުރާނެ ކަމަށެވެ. އަދި އަހަރަކު 1.8 މިލިއަން ކޮންޓެއިނަރު ހެންޑްލްކުރުމުގެ ގާބިލްކަން ގާއިމުކުރަން އަމާޒުކުރެވިފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެ މިނިސްޓްރީން އަންދާޒާކުރަނީ އެ މަޝްރޫއަށް 466 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނުގައިވާ ގޮތުން ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ކޮންޓެއިނަރު ޓްރާންސްޝިޕްމެންޓް ބަނދަރެއް ޕްރައިވެޓް ޕާޓްނާރޝިޕްގެ އުސޫލުން ތަރައްގީކުރަން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 29ގެ ނިޔަލަށް ހުޅުވާލައިފަ އެވެ. އަދި އެ މަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މިއަދުން ފެށިގެން ފިނޭންސްގެ ވެބްސައިޓުން ޑައުންލޯޑުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ މަޝްރޫއަށް މި ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ޝައުގުވެރިކަން ފާޅުކުރާ ފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި މި މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.