ދިރާގުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

ބްރޯޑްބޭންޑް އިންޓަނެޓް ނުލިބޭތީ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޝަކުވާކުރަން ފެށުމުން ދިރާގުން ވަނީ 8:14 ގައި ޓުވީޓަކުން އެ އެ މައްސަލަ އުޅޭ ކަމަށް ބުނެފަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިން ބުނީ ދިރާގުގެ ބައެއް ކަސްޓަމަރުންނަށް ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ނުލިބޭ މައްސަލަ ދިމާވެގެން އުޅޭ ކަމަށެވެ. އަދި އެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރަން އެ ކުންފުނީގެ ޓީމުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުގެ ފިކްސްޑް ބްރޯޑް ބޭންޑް އިންޓަނެޓް ހިދުމަތް މެދުކެނޑުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައި ވަނީ މިއީ ކުދިން އޮންލައިންކޮށް ކިޔަވަން ޖެހޭ ވަގުތެއް ކަމަށެވެ. އަދި އިންޓެނެޓް ނެތުމުން އެ ކްލާސްތަކުގައި ބައިވެރިނުވެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ބައެއް މީހުން ބުނެފައި ވަނީ ވިޔަފާރިތަކަށް ވެސް އިންޓަނެޓްގެ ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާކޮށްފަ އެވެ. ދިރާގުގެ ބްރޯޑް ބޭންޑް އިންޓަނެޓްގެ ހިދުމަތް މެދުކެނޑުނު ނަމަވެސް މޮބައިލް ޑޭޓާގެ ހިދުމަތް މެދުނުކެނޑެ އެވެ.

ދިރާގުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ދޭތެރެ ދޭތެރެއިން ކެނޑުމުގެ މައްސަލަ ދިމާވެ އެވެ.

މިއަދު ހެނދުނު ދިމާވި މައްސަލަ ހައްލުވިކަން ދިރާގުން ޓުވިޓާ މެދުވެރިކޮށް އެންގީ ދެގަޑިއިރަށް ވުރެ ގިނައިރުވި ފަހުން ދިހައެއް ޖަހާކަން ހާއިރު އެވެ.