ހއ. ކެލާގައި 200 އެނދުގެ ޓޫރިސްޓު ހޮޓަލެއް ތަރައްގީކުރުމަށް ޓޫރިޒަމް މިނިސްޓްރީން ފިޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުންޏާ މި މަސައްކަތް ހަވާލުކުރީ އަމަލީ މަސައްކަތް ފަށާތާ 30 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށެވެ. އަދި މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ލޭންޑް ސާވޭކުރުމާއި، ކުރެހުމާއި އީއައިއޭ ހަދާނެ އެވެ. އޭގެ އިތުރުން ޕްރިލިމިނަރީ މަސައްކަތް ހައެއްކަ މަސްދުވަސް ތެރޭގައި ނިންމާ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފީޑޯ އިން ބުންޏެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ކުންފުނިން ބުނީ ކެލާގައި ތަރައްގީކުރާ 200 އެނދުގެ މި ހޮޓަލަކީ ރިސޯޓެއްގައި ފެންވަރަށް ހިދުމަތް ލިބޭނެގޮތަށް ތަރައްގީކުރެވޭނެ ތަނެއް ކަމަށެވެ. އެގޮތުން ވޯޓާ ސްޕޯޓްސްއާއި ޑައިވް ޙިދުމަތާއި ރެސްޓޯރެންޓްގެ ހިދުމަތް އެތަނުން ލިބޭނެ ކަމަށް ފިޑޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ކެލާ ތުނޑީ ސަރަހައްދުގައި ތަރައްގީކުރާ އެ ހޮޓެލުގައި މޫދު ކޮޓަރިތައް ވެސް ހުންނާނެ ކަމަށެވެ.

ކެލާގައި ޓޫރިސްޓު ހޮޓަލެއް ހަދަން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލީ މިދިޔަ އަހަރު ފަހުކޮޅު އެވެ. އެގޮތުން 800،000 އަކަފޫޓުގެ ސަރަހައްދުގައި 100 ކޮޓަރީގެ ހޮޓަލުގެ އިތުރުން، ޓޫރިޒަމަށް އިތުރު 14 ބިމެއް ދޫކޮށް، މިދިޔަ މަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ.