ވ. ފެލިދޫގައި މިހާރު ހުރި ބާ އިންޖީނުގެ ގޭގެ ބަދަލުގައި، ޒަމާނީ ފެންވަރަށް އާ އިންޖީނުގެއެއް ހަދަން ސްޓެލްކޯއިން ނިންމައިފި އެވެ.

ގެސްޓްހައުސް ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ ފެލިދޫގައި އަލަށް ހަދާ އިންޖީނުގޭގެ ބިން އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ބައިވެރިވެވަޑައިގެންނެވި އެވެ.

ސްޓެލްކޯ އިން ބުނީ މި އިންޖީނުގެއަކީ މުޅިން އާ ޒަމާނީ ވަސީލަތްތަކާ އެކު، މުސްތަގުބަލުގައި ފެލިދޫއަށް އަންނާނެ ކުރިއެރުމާއި ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނައިގެން ގާއިމް ކުރާ އިންޖީނުގެ އެއް ކަމަށެވެ.

"ރާއްޖޭގައި އަޅާ އެންމެ ފެންވަރު ރަނގަޅު އިންޖީނުގެ ތަކުގެ ތެރޭގައި ހިމެނޭ ވ. ފެލިދޫގެ އިންޖީނުގޭގެ ބިންގާ މިއަދު ވަނީ އަޅާފައި. މި އިންޖީނުގެއަކީ މުޅިން އާ ޒަމާނީ ވަސީލަތްތަކާއެކު، މުސްތަގުބަލުގައި ފެލިދޫއަށް އަންނާނެ ކުރިއެރުމާއި، ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނާ، ހަތަރު މެގަވޮޓްގެ ކެޕެސީޓީ ގާއިމް ކުރެވޭ ގޮތަށް އެޅިގެންދާނެ އިންޖީނުގެއެއް،" އެ ކުންފުނިން ބުންޏެވެ.

ވ. ފެލިދޫ އިންޖީނުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: ސްޓެލްކޯ

ހަތަރު މެގަވޮޓްގެ ކެޕޭސީޓީ ގާއިމް ކުރެވޭ ގޮތަށް އަޅާ ހަތަރު ބުރީގެ މި އިމާރާތުގެ އެންމެ ތިރި ހާއްސަ ކުރާނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ ފުރަތަމަ ފަންގިފިލާ، މުވައްޒަފުންނަށް ތަމްރީނު ދިނުމަށް އޮންލައިން ޓްރެއިނިންތަކަށް ހާއްސަ ކުރާއިރު އެތަނުގައި މީޓިންތައް ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ. އަދި އެތަނުގެ ދެ ވަނަ ފަންގިފިލާގައި މުވައްޒަފުންނަށް އޮފީހުގައި ގާއިމްވެ ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯ އިން ބުނީ އެ އިންޖީނުގެއަކީ އަޑުމަޑު ތަނަކަށް ހަދަން ޑިޒައިން މަރުހަލާގައި އިސްކަންދިން ކަމަށާއި، ތިމާވެއްޓާ ރައްޓެހި ތަނަކަށް އިމާރާތް ހެދުމަށް ސޯލާ ޕެނަލް ހަރުކުރާނެ ކަމަށެވެ. އަދި އާ އިންޖީނުގެއާއެކު ފެލިދޫ ރައްޔިތުންނަށް އިތުރު ފަސޭހަތައް ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.