ރޯދަމަހާ ދިމާކޮށް ބާޒާރުގައި މުދަލުގެ ބޮޑުކުރަމުންދާތީ އަގުތައް ކޮންޓްރޯލްކުރަން ވިޔަފާރިވެރިންނާއެކު އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން މަޝްވަރާކުރަން ފަށައިފި އެވެ.

އާއްމުކޮށް ކޮންމެ އަހަރަކު ރޯދައާ ދިމާކޮށް ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ވިޔަފާރިވެރިން ތަފާތު ބަހަނާތައް ދައްކައިގެން އަގުބޮޑުކުރެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު އަބްދުﷲ ޝަކީބް ވިދާޅުވީ ވިޔަފާރިވެރިންނާއެކު ބައްދަލުވުންތައް ބާއްވާ ރާއްޖެއަށް މުދާ އެތެރެކުރުމުގައި އާއި މުދާ ރާއްޖެއާއި ހަމައަށް ގެނައުމުގައި ހުރި ދަތިތައް އޮޅުން ފިލުވަމުންދާ ކަމަށެވެ.

"ހުރިހާ ވިޔަފާރިވެރިންނާއެކު ބައްދަލުވުންތައް ބާއްވާނެ. މިކަމުގެ ތެރެއިން ރޯދައަށް ގެންނަ މުދަލުގެ އަގުތަކަށް ވަމުންދާ ގޮތް ބަލާނެ،" އޭނާ ވިދާޅުވި އެވެ.

ޝަކީބު ވިދާޅުވީ އެ ބައްދަލުވުމުގައި ރާއްޖެއަށް މުދާ ގެނައުމުގައި ދިމާވާ ހުރަސްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

ރޯދަމަހާ ދިމާކޮށް އާއްމުކޮށް އަގުބޮޑު ވަނީ ކުކުޅު ބިހާއި ފިޔާ އަދި އަލުވި އެވެ. މީގެ އިތުރުން ވެސް ރޯދަމަހު އާއްމުކޮށް ބޭނުންކުރާ އެހެނިހެން ބައެއް ބާވަތްތަކުގެ އަގު ވެސް ބޮޑުކުރެ އެވެ.