އއ. ހިމަންދޫގައި ހުރި މުސްކުޅި އިންޖީނުގޭގެ ބަދަލުގައި ހިތްގައިމު ޑިޒައިނަކަށް، ދުރު މުސްތަގުބަލަށް ވިސްނައި ހަތަރު މެގަވޮޓްގެ އިންޖީނުގެއެއް އަޅަން ނިންމައިފި އެވެ.

ސްޓެލްކޯއިން ވަނީ އެ ރަށުގައި ހިތްގައިމު ޑިޒައިނަކަށް ހަދާ އާ އިންޖީނުގޭގެ އިމާރާތުގެ ބިންގާ މިއަދު އަޅައިފަ އެވެ. މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ބައިވެރިވެވަޑައިގެންނެވި އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނިން ހިދުމަތްދޭ ރަށްތަކުގެ ތެރެއިން ހިމަންދޫ އަކީ ރަށަށް އަންނަމުންދާ ތަރައްގީއާއި ކުރިއެރުމަށް ބަލާއިރު، އެރަށަށް ކަރަންޓުގެ ހިދުމަތްދޭ އިންޖީނުގެ ކުޑަވެ، އިތުރު އިންޖީނު ބަހައްޓާނެ ޖާގައެއް ނެތް ރަށެއް ކަމަށެވެ.

"އެއާއެކު، ހިމަންދޫއަށް އަންނަމުންދާ ކުރިއެރުމާއި، ތަރައްގީއާ އެއްވަރަށް ކަރަންޓުގެ ހިދުމަތް ދިނުމަށް މިވަނީ ދަތިތަކެއް ކުރިމަތިވެފައި. އެދަތިކަން ފިލުވުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ހިމަންދޫ އިންޖީނުގެ ހުރި ބިމަށް އިތުރު ކޮށްދީފައިވާ ބިމާއެކު މިކުންފުނިން މިވަނީ މުޅިން އައު އިންޖީނުގެއެއް އެތަނުގައި އެޅުމުގެ މަސައްކަތް ކުރަން ފަށާފައި. ޔަގީންވާ އެއްކަމަކީ ސްޓެލްކޯއިން އަލަށް މިއަޅާ އިންޖީނުގޭގެ އިމާރާތާއެކު ހިމަންދޫގެ މަލަމަތި ބަދަލްކޮށްލާނެކަން،" އެ ކުންފުނިން ބުންޏެވެ.

އއ. ހިމަންދޫ އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯ އިން ބުނީ މިހާރު އެ ރަށުގައި ހުރި 533 ކިލޯވޮޓްގެ އިންޖީނުގޭގެ ބަދަލުގައި މުސްތަގުބަލުގައި ރަށަށް އަންނާނެ ކުރިއެރުމާއި، ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނާ، އަޅާ ހަތަރު މެގަވޮޓްގެ ޒަމާނީ އިންޖީނުގެ ވެގެންދާނީ ހިމަންދޫއަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށް ވެސް ތަރައްގީގެ މުޅިން އައު ތަފާތު މަންޒަރެއް ފެނިގެންދާނެ އިންޖީނުގެ އަކަށް ކަމަށެވެ.

މުޅިން ތަފާތު ޑިޒައިނަކަށް ކަސްޓަމާ ސާވިސް އިމާރާތަކާއެކު އަޅާ އިންޖީނުގޭގެ އެންމެ ތިރީބައި ހާއްސަކޮށްފައި ވަނީ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށެވެ. އަދި، ފުރަތަމަ ފަންގިފިލާ ހަދަނީ މުވައްޒަފުންގެ ހުނަރު އިތުރު ކުރުމަށް އޮންލައިން ޓްރެއިނިން ދިނުމަށާއި، މީޓިންތައް ބޭއްވޭނެ އިންތިޒާމްތަކާއެކު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ކޮވިޑްގައި ކުރެވުނު ތަޖުރިބާތަކާއެކު، އެ އިމާރާތުގެ ދެވަނަ ފަންގިފިލާ އިމާރާތްކުރެވޭނީ، އެފަދަ ކާރިސާގެ ހާލަތެއް މެދުވެރިވެއްޖެ ނަމަ މުވައްޒަފުންނަށް ލޮކްޑައުންވެގެން ތިބެވޭނެ ފަދަ ގޮތަކަށް. މީގެ އިތުރުން ޑިޒައިނިން މަރުހަލާގައި އެ އިންޖީނުގެއަކީ އަޑުމަޑު ތަނަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާއިރު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުމަށްޓަކައި، ސޯލާ ޕެނަލްތަށް އެ އިމާރާތުގައި ހަރުކުރެވޭނެ،" ސްޓެލްކޯއިން ބުންޏެވެ.

އއ. ހިމަންދޫ އާ އިންޖީނުގޭގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ސްޓެލްކޯ

އެ ކުންފުނިން ބުނީ އަލަށް ހަދާ މުޅި އިންޖީނުގެއަކީ ވެސް އުސްކޮށް އިމާރާތް ކުރެވި، ވެންޓިލޭޝަން ރަނގަޅު، މަސައްކަތުގެ މާހައުލުގައި ރައްކާތެރިތަނެއްގެ ގޮތުގައި ހެދޭނެ ކަމަށެވެ. އަދި ސްޓެލްކޯގެ އުމްމީދަކީ ހިމަންދޫގެ އައު އިންޖީނުގެއާއެކު، ހިމަންދޫގެ އުމްރާނީ ތަރައްގީއަށް އިތުރު ކުރިއެރުމާއި، ފާހަގަތިކަން ލިބި، ހިމަންދޫ ރައްޔިތުންނަށް އައު ފަސޭހަތަކަކާއި ކުރިއެރުންތަކެއް ލިބިގެންދިއުން ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.