ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އިސްނަގައިގެން ތިން ރަށެއްގައި މުޖުތަަމައަށް އެހީތެރިވުމުގެ ހަރަކާތްތަކެއް ހިންގައިފި އެވެ.

މި ހަރަކާތްތައް ކުރިޔަށް ގެންދިޔައީ ވ. ފެލިދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގަ އެވެ.

މިގޮތުން ވ. ފެލިދޫގެ ރައްޔިތުންގެ މެދުގައި މަގުބޫލު ފެލިދޫ މަސްފެންގަނޑު އޮންނަ ސަރަހައްދަށް ވަންނަން އޮންނަ މަގު ސާފުކޮށް މިސަރަހައްދަށް ފޮޓޯ ނެގުމާއި މަހަށް ކާންދިނުމަށް ޒިޔާރަތްކުރާ އެތައް އާއިލާއަކަށް ފަސޭހަވާނެހެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ. އަދި މީގެ އިތުރުން ފޮޓޯ ނެގުމަށް މިސަރަހައްދަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭނެ ހާއްސަކޮށް ޕްލެޓްފޯމެއް ގާއިމްކުރުމުގެ މަސައްކަތްތައް ވެސް ރޭވި، ވަރަށް އަވަހަށް އެކަމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނިގޮތުގައި ލ. ފޮނަދޫ ބްރާންޗްގެ މުވައްޒަފުން ވަނީ ރަށުގައި ހުންނަ ކުޑަކުދިންގެ ޕާކުގެ ވަށާ ފާރުގައި ކުލަލުމުގެ މަސައްކަތް ވެސް ކޮށްފަ އެވެ. އަދި ހދ. ކުޅުދުއްފުށީގައި ވަނީ އަތިރިމަތީގައި ހާއްސަ ސަރަހައްދެއް ގާއިމްކޮށް، އެ ސަރަހައްދަށް އަންނަ ފަރާތްތަކަށް ހިތް ފަސޭހަ މާހައުލެއް ގާއިމްކޮށް ދިނުމަށް އުނދޯއްޔާއި، ޖޯލީގެ އިތުރުން ބެންޗް ބަހައްޓާދީފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން. ފޮޓޯ: ބީއެމްއެލް

އެ ބޭންކުން ބުނިގޮތުގައި އަތޮޅު ތެރޭގެ ބްރާންޗްތަކާއި، ބީއެމްއެލްގެ ވޮލަންޓިއަރުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ އެ ހަރަކާތްތަކަކީ މުޖުތަމައުގެ އުފަލާއި ހިިތްހަމަޖެހުމަށް ކުރެވިގެންދިޔަ ހަރަކާތްތަކެކެވެ. އަދި އެ ތިން ރަށުގައި ކުރި މަސައްކަތްތަކުގައި ބީއެމްއެލްގެ 30 އަށް ވުރެ ގިނަ ވޮލަންޓިއަރުން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނިގޮތުގައި ކޮންމެ އަހަރަކު މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅިގެން މިއަދު ހަރަކާތްތަކެއް ހިންގިއިރު، އެ ބޭންކުގެ އަމާޒަކީ މި ފަދަ އިތުރު ހަރަކާތްތަކެއް މިއަހަރު ކުރިއަަށް ގެންދިއުމެވެ.

ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން. ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން ބުނިގޮތުގައި އެ ބޭންކުގެ ވޮލަންޓިއަރުން މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރަމުންދެ އެވެ. އަދި ގުދުރަތީ ކާރިސާތަކާއި އެކިއެކި ހާދިސާތަކުގައި އާންމުންނަށް އެހީތެރިވުމަށް އެ ވޮލަންޓިޔަރުން ހަރަކާތްތެރިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.