އުކުޅަހުގައި ހަތަރު މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ އާ އިންޖީނު ގެއެއްގެ ބިންގާ މިއަދު އަޅައިފި އެވެ.

އުކުޅަހުގައި ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ބައިވެރިވެވަޑައިގެންނެވި އެވެ.

ސްޓެލްކޯ އިން ބުނި އުކުޅަހަކީ ލޯކަލް ޓުއަރިޒަމްގެ ދާއިރާގައި ރާއްޖޭގެ އެންމެ ކުރީ ސަފުން ގުނާލެވޭނެ ރަށެއް ކަމަށެވެ. އަދި އުކުޅަހުގައި މިވަގުތު ވެސް އެކި ފަންތީގެ އެކި ފެންވަރުގެ ގެސްޓްހައުސްތައް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"އެއާއެކު އެ ގެސްޓްހައުސްތަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށާއި، ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރަން ބަލާއިރު، އުކުޅަހު އިންޖީނުގެއަކީ ނިސްބަތުން ވަރަށް ކުޑަ ތަނެއް. މީގެ އިތުރުން މިވަގުތުވެސް އުކުޅަހުގެ ވޯލްޓޭޖް ޑްރޮޕް ހައްލު ކުރުމަށްޓަކައި ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން،" ސްޓެލްކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ އާ އިންޖީނުގެއެއް އެޅުމުގެ އިތުރުން މިދިޔަ ފެބްރުއަރީ މަހު ވެސް އުކުޅަހަށް އިތުރު 600 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްފައިވާ ކަމަށެވެ. އަދި މިކަންކަން މިހެން ހުރުމާއެކު، އުކުޅަހަށް އަންނަ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާގެ ހައިސިއްޔަތުން ނިންމާފައި ވަނީ މުސްތަގުބަލުގައި އެ ރަށަށް އަންނާނެ ކުރިއެރުމާއި، ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނާ، އުކުޅަހުގައި މިހާރު ފޯރުކޮށްދެމުން މިގެންދާ 812 ކިލޯވޮޓްގެ އިންޖީނުގެ ގޭގެ ބަދަލުގައި ހަތަރު މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ މުޅިން އައު އިންޖީނުގެއެއް އެޅުމަށް ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.

އުކުޅަހުގެ އާ އިންޖީނުގޭގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވާހަކަދައްކަވަނީ. ފޮޓޯ: ސްޓެލްކޯ

"މި އިންޖީނުގެ ވެގެންދާނީ ޒަމާނުއްސުރެ އިންޖީނުގެތަކާއި މެދު ދެކެމުން އައި ގޮތް ބަދަލުކޮއްލާ، ރަށުގެ ރީތި ނަލަ ލޭންޑް މާކަކަށް ވެގެންދާނެ އިންޖީނުގެއަކަށް. އިތުރު ސަލާމަތީ ހިދުމަތްތަކާއެކު، ވެންޓިލޭޝަން ރަނގަޅު އަދި އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރު ރަނގަޅުތަނަކަށް،" އެ ކުންފުނިން ބުންޏެވެ.

ސްޓެލްކޯ އިން ބުނީ އެ ރަށުގައި ހަދާ އާ އިންޖީނުގެ ވެގެންދާނީ، އަޑު މަޑު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް ކަމަށެވެ. އެގޮތުން އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

" މީގެ އިތުރުން އޮންލައިން މޮނިޓަރިންގ އާއި، ޓެކްނިކަލް ސަޕޯޓްގެ އިތުރުން، އައު އިންޖީނުގެ ވެގެންދާނީ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށް. ސްޓެލްކޯގެ އުމްމީދަކީ މި އައު އިންޖީނުގެއާއެކު، އުކުޅަހަށް އަންނަމުންދާ ތަރައްގީގައި އޮންނަ މި ކުންފުނީގެ ހިއްސާ ވީހާވެސް ބޮޑުކޮށް، ރައްޔިތުންނަށް ފައިދާ ހުރި، ފަސޭހަ ހިދުމަތެއް ދިނުން،" ސްޓެލްކޯ އިން ބުންޏެވެ.