ބޭންކުތަކުން ވިޔަފާރި ބޭނުމަށް ދޫކުރާ ލޯންތަކުގެ އިންޓްރެސްޓް ރޭޓް ކުޑަ ކުރެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށް މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްގެ "ބާބު"ގެ ތިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު ނާޝިޒު ވިދާޅުވީ، ބޭންކުތަކުން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓްކުޑަކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިސްނެންގުވުމަށް މާލިއްޔަތު ކޮމެޓީން އަދި އެސްއޯއީ ކޮމެޓީ ގުޅިގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ލޯނު މިދެނީ ކޮންމެވެސް އެއްޗެއް ރަހުނު ކޮށްގެން ނުވަތަ ސެކިއުރިޓީ ގޮތުގައި ކޮންމެވެސް އެއްޗެއް އޮފާ ކޮށްގެން. އެކަމަކު ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ރަހުނެއް ވިއްކާލާ ހިސާބަށް ދާއިރު ޕްރޮސެސް ދިގުލައިގެންދޭ،"

ބޭންކް އޮފް މޯލްޑިވްސް އިން ވަނީ، ނާޝިޒް އާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ގެރެންޓީ ދީގެން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްއަށް ނެގި އެތައް މިލިއަން ޑޮލަރެއްގެ ލޯނު ނުދައްކައިގެން އެ ރަހުނު ވިއްކާލައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ނާޝިޒާއި އާޒިމްގެ ގޮނޑި ވެސް 2013 ވަނަ އަހަރު ގެއްލުނެވެ.

"އަޅުގަނޑަށް އަޑު އިވިފަ އެބަހުރި 18 އަހަރަށް ވުރެ ގިނަ ދުވަސްވީ ކޭސްތައް. އެހެންވީމަ ބޭންކުން ރިސްކް ކަލްކިއުލޭޓް ކުރާއިރު ރިކަވަރީ ޕްރޮސެސް ތެރޭގެ ލީގަލް ޕްރޮސީޑިންގްސް އާއި މިހުރިހާ އެއްޗެއް ލީމަ އިންޓްރެސްޓް މައްޗަށް އަރައިގެންދޭ. އެހެންވީމަ ބަރާބަރަށް ފައިސާ ދައްކާ ފަރާތަށް ވަރަށް ބޮޑު ކޮސްޓަކަށް މިވަނީ،" އޭނާ ވިދާޅުވި އެވެ.

ނާޝިޒް ވިދާޅުވި ގޮތުގައި ރާއްޖޭގެ ބޭންކުތަކުން ލޯން ނަގާއިރު، ވަރަށް ބޮޑު އިންޓްރެސްޓް ރޭޓެއް އޮންނަ ކަމަށާއި، ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާ ކިޔާއިރު ވެސް މިއީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ. ރާއްޖޭގައި ވިޔަފާރިކުރާ މީހަކު ބޭންކަކުން ލޯނު ނަގައިފި ނަމަ އެ "ބޭންކަށް މަސައްކަތް" ކޮށްދެވެނީ ކަމަށް ސިފަކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޝިޒް ވިދާޅުވީ ރާއްޖޭގެ ހުރިހާ ބޭންކަކުންހެން ލޯނު ދޫކުރާ ގޮތްތާއި އިންޓަރެސްޓް ރޭޓުގެ މައުލޫމާތު މިހާރު އެއްކޮށްފައިވާ ކަމަށެވެ. އަދި، ކޮސްޓް އޮފް ކެޕިޓަލް ނުވަތަ ކޮސްޓް އޮފް ފައިނޭންސް މިހާ މައްޗަށްދާ ސަބަބުތައް ދެނެގަނެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނާޝިޒް ވިދާޅުވީ މަދުބައެއްގެ ސަބަބުން އިންޓްރެސްޓް ރޭޓް އެންމެންނަށް އުފުލިގެންދާ ކަމަށާއި އެ ކަމަށް ބޭންކުތަކަށް އެކަށީގެންވާ ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީއާއި، އެމްއެމްއޭއާއި ރާއްޖޭގެ ހުރިހާ ބޭންކުތަކާއެކު މަޝްވަރާކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.