އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް)ގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ބޮޑު ތަނުން ދަށަށް ހިނގައްޖެ އެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް މިހާރު ހިންގާ ބިޔަ މަޝްރޫއުތަކަށް ނަގާފައިވާ ލޯނު އަނބުރާ ދެއްކުމަށް އުފައްދާފައިވާ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަން ނަގާ ފީ އެވެ. އޭޑީއެފްގެ ގޮތުގައި ނަގަނީ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބޭރު މީހުންގެ އަތުން 25 ޑޮލަރެވެ. މީގެ އިތުރުން އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ވެސް ދިވެހިންގެ އަތުން 12 ޑޮލަރު، އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގަ އެވެ. އެހެންވެ، ދިވެހިން އަތުން 24 ޑޮލަރާއި ބޭރުގެ ފަސިންޖަރުން އަތުން 50 ޑޮލަރު ނަގަ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މާޗް 11 ވަނަ ދުވަހުގެ ނިޔަލަށް އޭޑީއެފްގެ ގޮތުގައި ދައުލަތަށް 163.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް 62.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 101 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

އެ މިނިސްޓްރީން ލަފާކޮށްފައި ވަނީ މިއަހަރުގެ ނިޔަލަށް އޭޑީއެފްގެ ގޮތުގައި 529.2 ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 62.7 މިލިއަން ރުފިޔާ ލިބުނުއިރު، އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ލިބުނު މިންވަރު ވެސް ވަނީ ދަށްވެފަ އެވެ. ނަމަވެސް ސާވިސް ޗާޖުގެ ގޮތުގައި 126.1 މިލިއަން ރުފިޔާ ލިބުނުއިރު 196.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މި ދެ ފީގެ ގޮތުގައި ލިބުނު މިންވަރު މިހާ ބޮޑަށް ތަފާތުވި ސަބަބެއް ފިނޭންސް މިނިސްޓްރީން އޮޅުން ފިލާ ގޮތެއް ނުވި އެވެ.

އޭޑީއެފްގެ ގޮތުގައި ނަގާ ފީ ޖަމާކުރަނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށެވެ. އެ ފަންޑަކީ އެއާޕޯޓް ތަރައްގީކުރުމަށް ނަގާ ލޯނު އަނބުރާ ދައްކަން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި ފަންޑެކެވެ.

ވެލާނާ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޗައިނާގެ އެގްޒިމް ބޭންކުން ދިން 400 މިލިއަން ޑޮލަރުގެ ލޯނަކުން ވަނީ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރުގެ އާ ރަންވޭއެއް ހަދައިފަ އެވެ. އަދި އޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 120،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ. އެ މަޝްރޫއުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ.

އޭގެ އިތުރުން އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު 350 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އާ ޓާމިނަލެއް ވެސް އަންނަނީ ހަދަމުންނެވެ. އެ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލާ ޖެހިގެން ދެކުނަށް އޮތް ސަރަހައްދުގައި ހަދާ ޓާމިނަލް ނިމުމުން މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބޭނުންކުރެވޭނީ ޑޮމެސްޓިކް ޓާމިނަލެއްގެ ގޮތުގައި ކަމަށް ވެސް އެއާޕޯޓްސް ކޮމްޕެނީން ބުނެފައިވެ އެވެ.