ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އާ މަޝްރޫއެއް ފަށަން ފީސިބިލިޓީ ސްޓަޑީއެއް ހަދަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބު ބޯމަތިވުމުން އައްޑޫ ރައްޔިތުންގެ ތާއީދު ހޯދުމުގެ ގޮތުން އެ އަތޮޅުގައި ސަރުކާރުން ހިންގާނެ ކަމަށް ބުނާ މަޝްރޫއުތަކާ ބެހޭ ގޮތުން ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ފީސިބިލިޓީ ސްޓަޑީ ހަދަން މިމަހުގެ ފަހުކޮޅު އިންޑިއާގެ ކޮންސަލްޓެންޓުންގެ ޓީމެއް އައްޑޫއަށް ޒިޔާރަތްކުރާނެ ކަމަށެވެ.

ގަން އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްގެންދަން ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުން ލޯނެއް ނަގައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި ކޮންޓްރެކްޓަރަކާއި މަސައްކަތް ހަވާލުކުރެވޭނެ ކަމަށް ލަފާކުރެވެނީ. އޭރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ހުރި ހުރިހާ މައްސަލަތަކެއް ނިމި، އިގްތިސާދީ ނާރެސް ވަރުގަދަކުރުމަށްޓަކައި، ހާއްސަކޮށް ޓޫރިޒަމް ވަރުގަދަ ކުރުމަށްޓަކައި އެއާޕޯޓް ހަދަން ޖެހޭ،" "ރަށްވެހި ފަތިސް" ގެ ނަމުގައި ކުރިޔަށް ގެންދާ ކެމްޕެއިނުގައި އައްޑުއަށް ޚާއްސަކޮށްގެން ބޭއްވި ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވި އެވެ.

މިހާރު ވެސް ބޮޑު ގެއްލުމަކާއެކު ހިންގާ އެއާޕޯޓު ތަރައްގީކުރަން ފީސިބިލިޓީ ސްޓަޑީގެ ރިޕޯޓަށްފަހު ދެން ހުރި މަސައްކަތްތައް ނިމި މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ ތެރޭގައި އެއާޕޯޓް ތަރައްގީކުރަން ބަޔަކާ ހަވާލުކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއާޕޯޓް ހެދުމުން ޕްރައިވެޓް ސެކްޓާއިން އިންވެސްޓްކުރުމުން އެނދު އިތުރުވާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ. އަދި އެއާއެކު އެނދުތައް އިތުރުވުމަކީ އެއާޕޯޓްގެ ވެސް ކާމިޔާބީ. މިއީ ބިސްތޯ ކުކުޅުތޯ ދޮށީ ކަހަލަ ސިޓުއޭޝަނެއް، ސަރުކާރުން މި ގަސްދުކުރީ އެ ރިސްކު ނަގައިގެން އެއާޕޯޓަށް ހަރަދުކުރަން،" ފައްޔާޒް ވިދާޅުވި އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފުގެ ކާސާ ހޮލްޑިންގެ 30 ޕަސެންޓް ހިއްސާވާ ގޮތަށް ހަދާފައިވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަނީ ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ރުފިޔާގެ ގެއްލުމަކާއެކު އެވެ.