ކޮވިޑް-19އާ ގުޅިގެން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ކުރި ޚަރަދުތައް ކޮށްފައިވަނީ، އެ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީތަކާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އޮޑިޓް އޮފީހުން މިއަދު ނެރުނު އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީކުރި މެޑިކަލް ފެސިލިޓީތަކަށާއި ބިދޭސީން ބޭތިއްބުމަށް ތައްޔާރުކުރި ފެސިލިޓީތަކަށް ބޭނުންވާ މުދަލާއި ތަކެތި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އޯޑަރު ކުރުމުން، އެ ތަކެތި ހޯދައި އެ ތަންތަނަށް ފޯރުކޮށްދިނުމުގައި މައިގަނޑުގޮތެއްގައި އެސްޓީއޯގެ ޕްރޮކިއުމަންޓް ޕޮލިސީތަކާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.

"ކޮވިޑް-19އާ ގުޅިގެން ނެޝެނަލް ހެލްތު ރިކުއާމަންޓް ލިސްޓަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސް ހޯދުމަށް 16 އޭޕްރީލް 2020 ގައި އެސްޓީއޯ އާއި މިނިސްޓްރީ އޮފް ފިނޭންސާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ދެމެދު ވެވުނު އެއްބަސްވުމާއެއްގޮތަށް މުދާ ހޯދައި ފޯރުކޮށްދިނުމުގައި މައިގަނޑުގޮތެއްގައި އެސްޓީއޯގެ ޕްރޮކިއުމަންޓު ޕޮލިސީތަކާ ގައިޑުލައިންތަކާ އެއްގޮތަށް ޢަމަލުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ،" އެ ރިޕޯޓްގައި ބުނެފައިވެ އެވެ.

މި އޮޑިޓް ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި މިނިސްޓްރީ އޮފް ފިނޭންސްއިން އެދިގެން ކުރި އޮޑިޓެކެވެ.

އެ ކުންފުނިން ކުރި ޚަރަދުތަކުގެ ޖުމްލަ އަދަދު 490,159,542.43 އަށް އަރަ އެވެ.