ރާއްޖެއަށް ބޭނުންވާ ބޭހާއި ކާޑުގެ ބާވަތްތައް ގަންނަން އެސްޓީއޯ އިން ނެގި 25 މިލިއަން ޑޮލަރުގެ ލޯނަކަށް ސަރުކާރުން ސޮވަރިން ގެރެންޓީ ދީފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮންކޮންގް ޝެންހާއީ ބޭންކިން ކޯޕަރޭޝަން (އެޗްއެސްބީސީ) މާލެ އިން ނަގާފައިވާ 25 މިލިއަން ޑޮލަރުގެ ލޯނަކަށް މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ވަނީ ގެރެންޓީ ދީފަ އެވެ.

އެސްޓީއޯގެ އޮފިޝަލަކު ވެސް މިއަދު ވަނީ މި ސޮވަރިން ގެރެންޓީ ސަރުކާރުން ދިންކަން ޔަގީންކޮށްދީފަ އެވެ.

ކާޑުގެ ބާވަތްތައް ގަތުމަށް، އެސްޓީއޯއަށް ލޯނު ނަގާފައިވާ އިރު، އެ ބާވަތްތަކަށް ސަރުކާރުން ސަބްސިޑީ ދެ އެވެ. ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކުރަން މިދިޔަ އަހަރު 338 މިލިއަން ރުފިޔާ ސަރުކާރުން ދިނެވެ. މި އަހަރުގެ ބަޖެޓުގައި ވެސް އެކަމަށް 365 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

މިދިޔަ އަހަރުގެ މެއި މަހު އެސްޓީއޯ އިން މެޑިކަލް އިކުއިޕްމެންޓާއި ބޭހާއި ކާބޯތަކެތި ގަތުމަށް ނެގި ލޯނަށް ވެސް ސަރުކާރުން ސޮވެރިން ގެރެންޓީ އޮތީ ދީފަ އެވެ. އެ ފަހަރު ސޮވެރިން ގެރެންޓީ ދިނީ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އިން ނެގި 15 މިލިއަން ޑޮލަރު (230 މިލިއަން ރުފިޔާ) ލޯނަކަށެވެ. އަދި އެސްޓީއޯ އިން ތެޔޮ ގަތުމަށް އައިޓީއެފްސީން ނެގި 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާގެ ލޯނަށް ވެސް މިދިޔަ އަހަރު ސަރުކާރުން ގެރެންޓީ ދިނެވެ.

މިސަރުކާރު ވެރިކަމަށް އައި ފަހުން މިހާތަނަށް ފަސް ލޯނަކަށް ސޮވެރިން ގެރެންޓީދީފައިވެ އެވެ. އެއީ ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު (9 ބިލިއަން ރުފިޔާ) އެވެ.

ފިނޭންސްގެ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ޖުމްލަ ދަރަނި 86 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ފަސް ލޯނަކަށް ސަރުކާރުން ސޮވަރިން ގެރެންޓީ ދީފައިވެ އެވެ.