އައްޑޫގައި މިހާރު ބަންދުކޮށްފައިވާ ދެ ރިސޯޓު އަލުން ހުޅުވަން ސަރުކާރުގެ އަތުގައި ހުރި ހުރިހާ ފޯމިއުލާއެއް ބޭނުންކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ސ. ވިލިނގިލީގައި ހިންގި ޝަންގްރިއްލާ އާއި ހެރެތެރެ ރިސޯޓު ބަންދުކުރުމުން އައްޑޫގެ އެތައް ސަތޭކަ ބައެއްގެ ވަޒީފާ ގެއްލި ވަނީ މަގުމަތިވެފަ އެވެ. އަދި އެ ދެ ރިސޯޓު އަލުން ހުޅުވާނެ ދުވަހެއްގެ އިންތިޒާރުގައި އައްޑޫ ރައްޔިތުން ތިބޭތާ ގިނަ ދުވަސް ވަނީވެފަ އެވެ.

މިވަގުތު އިންޑިއާގެ ނިއުދިއްލީގައި ހުންނެވި މިނިސްޓަރު މައުސޫމް "ހުރިހާ"އާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ދެ ރިސޯޓު ބަންދުކުރަން ނިންމީ އެ ދެ ރިސޯޓުގެ މެނޭޖްމަންޓުން ކަމަށެވެ. އަދި އެ ރިސޯޓު ބަންދުކުރި ނަމަވެސް ސަރުކާރަށް ދައްކަން ޖެހޭ ކުލި ދައްކަން ޖެހޭނެ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.

"އެ ދެ ރިސޯޓު ބަންދުކުރުމަކީ މެނޭޖްމަންޓް ޑިސިޝަނެއް. ނަމަވެސް ސަރުކާރަށް ދައްކަން ޖެހޭ ކުލި ދައްކަން ޖެހޭނެ. އަޅުގަނޑުމެން ކަންބޮޑުވުން ގުޅިފައި މިހިރީ އެތައް ބައެއްގެ ވަޒީފާ ނެތުން،" މިނިސްޓަރު ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ އައްޑޫ މީދޫގެ ދަނޑުވެރިންނަށް ލިބުނު އާމްދަނީ ވެސް އެ ދެ ރިސޯޓު ބަންދުކުރުމުން ހުއްޓިފައިވާ ކަމަށެވެ.

"މިހާރު ޓޫރިޒަމް ގަވައިދު އޮތް ގޮތުން ވިންޑޯއެއް ލިބޭ ރިސޯޓުގެ މަރާމާތަށް. އެ ޕީރިއަށް ދަންމާލެވޭ ދެ އަހަރަށް ވެސް. ބަންދުކޮށްފައި އޮތުމަކީ ހައްލެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

އައްޑޫގައި ހިންގި ޝަންގްރިއްލާ ރިސޯޓަކީ ސަރުކާރުގެ ހިއްސާވާ ތަނެކެވެ. އަދި އަލުން ވީހާ އަވަހަކަށް ހުޅުވަން މަސައްކަތްކުރައްވާ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.

"ބަންދުކުރި ދެ ތަނުގެ ތެރެއިން އެއް ތަނަކީ ސަރުކާރުގެ ހިއްސާ އޮންނަ ތަނެއް. ހެރެތެރެ ބަންދުކުރީ ފައިދާ ނުވާ ކަމަށް ބުނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ މިއަހަރުގެ ތެރޭގައި އެ ދެ ރިސޯޓު އަލުން ހުޅުވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"މިއަހަރުގެ ޓޫރިޒަމް ދުވަސް ފާހަގަކުރަނީ އައްޑޫގައި. އެ ދުވަސް ފާހަގަކުރަން ވާއިރަށް އެ ދެ ރިސޯޓު ނުހުޅުވި އޮތް ނަމަވެސް އެ ދުވަހު އޮންނަނީ ރިސޯޓު ހުޅުވާނެ ސިދާ ތާރީހުގައި އޮންނާނީ ދެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ. "އޭގެ ކުރިން ދެ ރިސޯޓު އަލުން ހުޅުވަން ސަރުކާރުގެ އަތުގައި ހުރިހާ ފޯމިއުލާއެއް ބޭނުންކުރާނެ. ރިސޯޓު އޮޕަރޭޓްކުރުމުގެ ލައިސަންސް ބާތިލުކުރުމަކީ އޮންނަ އޮޕްޝަނެއް."