ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ދިރާގު ޓީވީ ހިލޭ ގުޅައިދޭން ނިންމައިފި އެވެ.

ދިރާގުން ބުނީ މިހާރު މި ކުރިޔަށްދާ ޕޮރޮމޯޝަންގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ބޭނުންކުރާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ޚިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސް ވެސް ހިލޭ ލިބޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ އަންނަ މެއި 31ގެ ކުރިން ދިރާގު ޓީވީއަށް ސަބްސްކްރައިބްކުރާ ހުރިހާ ކަސްޓަމަރުންނަށް ޙާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަރު ވެސް ހުޅުވާލާފައިވާ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަނަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް ހަ މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލާލެވޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ސަތޭކައަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ޚިދުމަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ ރާއްޖޭގެ 77 ޕަސެންޓް ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި 54 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ނެތް ރަށްތަކަށް ވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ދިރާގު ޓީވީ ފޯރުކޮށްދީފައިވާ ކަމަށް ދިރާގުން ބުންޏެވެ.

"ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް،" އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.