ސަރުކާރު ހިއްސާވެގެން ރިސޯޓު ތަރައްގީކުރަން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނިތަކުގެ ސަރުކާރުގެ ހިއްސާ ދޫކޮށްލެވޭ ގޮތަށް ގަވައިދެއް ހަދައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު އެ ގަވާއިދުގައިވާ ގޮތުން ޓޫރިސްޓު ރިސޯޓުގެ ގޮތުގައި ބިންބިމާއި ފަޅުތަކާއި ރަށްތައް ތަރައްގީކުރަން ކުއްޔަށް ދޫކުރަން ސަރުކާރު ހިއްސާވާ ގޮތަށް ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނިތަކުގެ ސަރުކާރަށް ނިސްބަތްވާ ހިއްސާ ވިއްކާލެވޭނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ބެލުމުގެ ދަށުންނެވެ.

އެ ގަވާއިދުގެ ދަށުން ހިއްސާ ވިއްކާލެވޭނީ ރައީސުލްޖުމުހޫރިއްޔާގެ ލަފާގެ މަތިން ފިނޭންސް މިނިސްޓްރީންނެވެ. އަދި މިނިސްޓްރީގެ އެ ނިންމުން ޕްރައިވެޓައިޒޭޝަން ބޯޑަށް އަންގަންވާނެ ކަމަށް ވެސް އެ ގަވައިދުގައި ބުނެފައިވެ އެވެ. އެގޮތުން ހިއްސާއެއް އަގު ކުރާނީ، ރިޒޯޓު ތަރައްގީކުރުމަށް ކުއްޔަށް ދޫކުރެވިފައިވާ ތަނުގެ ބޮޑުމިނުގެ ކޮންމެ އަކަމީޓަރަކަށް، އެ ކުންފުނީގައި ހިމެނޭ ސަރުކާރުގެ ހިއްސާގެ ކޮންމެ އިންސައްތައަކަށް ފަސް އެމެރިކާ ޑޮލަރުގެ މަގުން އަގު ކުރުމަށްފަހު ޖެހޭ އަދަދަށްވާ މިންވަރަށް ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

އެ ގަވާއިދުގައިވާ ކުންފުންޏަކީ ޓޫރިޒަމް ބޭނުމަށް ސަރުކާރުގެ ހިއްސާއާއެކު އުފެދިފައިވާ ކުންފުންޏެއްގެ ގޮތުގައި ބަލާނީ ރާއްޖޭ ޓުއަރިޒަމާ ބެހޭ ގާނޫނަށް ގެނައި 10 ވަނަ އިސްލާހަށް އަމަލު ކުރުމުގެ ކުރިން އުފެދިފައިވާ ކުންފުންޏެއް ކަމުގައިވާ ނަމަ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން އެ ކުންފުންޏަކީ އެ ކުންފުނީގެ އަސާސީ ގަވާއިދުގައި އަދި ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި އެ ބޭނުމަށް އުފެދިފައިވާ ކުންފުންޏެއްކަން ބަޔާންވެފައި އޮންނަން ޖެހޭނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.

އޭގެ އިތުރުން ހިއްސާ ވިއްކާލުމުގެ މުޢާމަލާތް ކުރިއަށް ގެންދަންވާނީ ސަރުކާރުންނާއި ހިއްސާދާރުންނާއެކު ލިޔެކިއުމުން ވެވޭ އެއްބަސްވުމުގެ ދަށުން ކަމަށް ވެސް އެ ގަވައިދުގައި ބުނެފައިވެ އެވެ. އަދި ހިއްސާއަށް އަގު މުޅިން އެއްކޮށް އަދާ ކުރެވޭ ގޮތަށް ނުވަތަ ބަހާލައިގެން 18 މަސް ދުވަހުން އަގު އަދާކުރެވޭ ގޮތަށް ހިއްސާ ވިއްކިދާނެ ކަމަށް ވެސް އެ ގަވައިދުގައި ބުނެފައިވެ އެވެ.

ކުންފުނީގެ ހިއްސާ ވިއްކާލި އަގު އަދާ ކުރާތާ ސަރުކާރު ބަންދު ނޫން 15 ދުވަސްތެރޭ ހިއްސާ ބަދަލު ކުރުމާ ގުޅޭގޮތުން ކުންފުނީގެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރަންވާނެ ކަމަށް ވެސް އެ ގަވައިދުގައި ބުނެފައިވެ އެވެ.

ސަރުކާރު ހިމެނޭ ގޮތަށް ޖޮއިންޓް ވެންޗާ ދަށުން ރިސޯޓުތައް ތަރައްގީ ކުރުމަށް ހަދާފައިވާ ކުންފުނިތަކުން ހިއްސާ ވިއްކާލުމުގެ އިހުތިޔާރު ޓުއަރިޒަމް ގާނޫނަށް ގެނައި 10 ވަނަ އިސްލާހުގެ ދަށުން ސަރުކާރަށް ލިބެ އެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ސަރުކާރު ނޫނަސް މިފަދަ ތަންތަން ތަރައްގީކުރަން މައިނޯރިޓީ ހިއްސާ ބިދޭސީންނަށް ދީގެން ތަރައްގީކުރެވޭނެ ގޮތް ހެދުމަށް ސަރުކާރުން ނިންމާފައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖޭވީ ހަދައިގެން ރިސޯޓު ތަރައްގީކުރަން ގިނަ އަދަދެއްގެ ރަށްތަކާއި ފަޅުތައް އެކި ފަރާތްތަކަށް ދޫކޮށްފައިވެ އެވެ. މީގެ އިތުރުން ސ. ވިލިނގިލީގައި ޝަންގްރިއްލާ ރިސޯޓު ވެސް ހިންގަނީ ސަރުކާރާއެކު ހެދި ޖޮއިންޓްވެންޗާ އެއްބަސްވުމެއްގެ ދަށުންނެވެ.