ކުރިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކުރި، ސ. ގަން، ދޫގަސް ގެސްޓް ހައުސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާ ހަވާލުކޮށްގެން ތަރައްގީކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވުމުން އައްޑޫ ރައްޔިތުންގެ ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީން ކުރިޔަށް ގެންދިޔަ ކެމްޕޭން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ދޫގަސްގެ ސްޓެލްމަންޓް އެއްބަސްވުމެއްގައި އެމްޕީއެލް އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަކީ މިހާރު ވެސް އަހަރަކު އެތައް މިލިއަން ރުފިޔާއެއް ގެއްލުމުގައި ހިންގާ ކުންފުންޏެކެވެ.

ކުރީ ސަރުކާރުން ވަނީ 2017 ވަނަ އަހަރު ދޫގަސް ޒަމާނީ ފެންވަރުގެ ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްގީކުރަން އެމްޕީއެލްއާ ހަވާލުކުރި އެވެ. ނަމަވެސް ސަރުކާރު ބަދަލުވި ފަހުން އެ މަޝްރޫއު ކުރިޔަށް ނުގެންދެ އެވެ.

އަމީރު ވިދާޅުވީ ދޫގަސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާ ހަވާލުކުރާއި އެމްޕީއެލްއިން ދޫގަސް މޯގޭޖްކުރުމަށްފަހު ނެގި ލޯނެއް އެބައޮތް ކަމަށެވެ.

"ދޫގަސްގެ މިހާރު ދަރަނި، އެމްޕީއެލްއިން ދައްކަންޖެހޭ ލޯނެއް އެބައޮވޭ. ދެން ސަރުކާރުން މިއަހަަރުގެ ނިމުމުގެ ކުރިން ސަރުކާރު ބަޖެޓްގެ ތެރެއިން އެމްޕީއެލްއަށް އިންޖެކްޓްކޮށްގެން އެކަން ކުރެވޭތޯ މަސައްކަތް އެބަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ލޯނަކީ ދޫގަސް ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވައްސަށް ސިލޯނު ބޭންކުން ނެގި 2.5 މިލިއަން ޑޮލަރުގެ ލޯނެކެވެ. އެ ހޮޓާ ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 42 ކޮޓަރި އަދި ދެވަނަ ފިޔަވަހީގެ ދަށުން 78 ކޮޓަރި ތަރައްގީކުރަން ނިންމި އެވެ.

އެމްޑީޕީގެ ވެރިކަމުގައި 2009 ވަނަ އަހަރު ދެކުނުގެ އައްޑު އާއި ފުވައްމުލައް ހިމެނޭ ގޮތަށް ދަތުރުފަތުރުގެ ހިދުމަތްދޭން އެމްވީކޭއަށް ދޫގަސް ދިނެވެ. ނަމަވެސް އެ ވެރިކަން 2012 ވަނަ އަހަރު ނިމުނުއިރު ވެސް އެމްވީކޭ އަށް އެކަށީގެންވާ ފެންވަރެއްގައި ބަހުގެ ހިދުމަތް ވެސް ނުދެވެ އެވެ. އަދި ދޫގަސް ވެސް ތަރައްގީއެއް ނުކުރެވުނެވެ.