އެމެރިކާގެ ސީއެންއެންގެ މަޝްހޫރު ޕްރެޒެންޓަރު ރިޗާޑް ކުއެސްޓް ރާއްޖެ އަތުވެއްޖެ އެވެ.

ކުއެސްޓް ރާއްޖެ އައިސް މަންޓާގެ ސީޕްލޭނަކުން ފައިބަނިކޮށް ނެގި ފޮޓޯތަކެއް އެ އެއާލައިނުން ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އަދި ސީޕްލޭނުން ފޭބުމަށްފަހު އެ ބޯޓުގެ ކްރޫންނާއެކު ވެސް ކުއެސްޓް ވަނީ ފޮޓޯއެއް ނަގައިފަ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ކުއެސްޓް ރާއްޖެ އައީ ރާއްޖެއާ ބެހޭ ޕްރޮގްރާމެއް ހެދުމަށާއި ޗުއްޓީ ހޭދަކޮށްލުމަށާއެކީގަ އެވެ.

މި ދަތުރުގައި ކްއެސްޓް ވަނީ ކުރުނބާ މޯލްޑިވްސް އަށާއި ބ. އަތޮޅުގައި އޮންނަ ރީތި ބީޗް އަދި ސޮނޭވާ ޖާނީއަށް ދަތުރުކޮށް، ރާއްޖެއާ ބެހޭ ގިނަ މައުލޫމާތު އެއްކޮށްފަ އެވެ.

އެމްއެމްޕީއާރުސީގެ ދައުވަތަކަށް ކުރި ދަތުރުގައި ސީއެންއެންގެ ޕްރޮޑިއުސަރަކާއި ކެމެރާމަނެއް ވެސް ބައިވެރިވި އެވެ.

އިނގިރޭސިވިލާތަށް އުފަން ކުއެސްޓަކީ ސީއެންއެން ބިޒްނަސްގެ އެޑިޓާ އެޓް ލާޖް އެވެ.

އޭނާގެ އެންމެ މަޝްހޫރު ޕްރޮގްރާމްތަކުގެ ތެރޭގައި އެމެރިކާގެ ނިއުޔޯކާއި އިނގިރޭސިވިލާތުގެ ލަންޑަނުން ފޮނުވާ "ކުއެސްޓް މީންސް ބިޒްނަސް" އާއި "ދަ އެކްސްޕްރެސް" އާއި "ސީއެންއެން ބިޒްނަސް ޓްރެވެލާ" ފަދަ ޕްރޮގްރާމްތައް ހިމެނެ އެވެ.

ސީއެންއެންގެ މަޝްހޫރު ޕްރެޒެންޓަރު ރިޗަޑް ކުއެސްޓް މަންޓާ އެއާގެ ކްރޫންނާއެކު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: މަންޓާ އެއާ

ކުއެސްޓް މީންސް ބިޒްނަސް ޕްރޮގްރާމްގައި އޭނާ ވަނީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ސީއީއޯ އިން އާއި ގައުމުތަކުގެ މާލީ އަދި އިގްތިސާދީ، ޓޫރިޒަމް ދާއިރާތަކުގެ މިނިސްޓަރުންގެ އިންޓަވިއު ގެނެސްދީފަ އެވެ. މިގޮތުން މިދިޔަ އަހަރުގެ ފަހުކޮޅު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އިންޓަވިއުއެއް އެ ޕްރޮގްރާމްގައި ގެނެސްދީފައިވެ އެވެ. އަދި މިއަހަރުގެ ކުރީކޮޅު ސީއެންއެންގެ "ފަސްޓް މޫވް" ޕްރޮގްރާމްގައި މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިންޓަވިއުއެއް ވެސް ގެނެސްދީފައިވެ އެވެ.

ސީއެންއެންގެ އެންމެ އާއްމު މޫނުތަކުގެ ތެރޭގައި ހިމެނޭ ކުއެސްޓް ވަނީ މިދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ބްރޭކިން ނިއުސް އާއި އިނގިރޭސިވިލާތާއި އެމެރިކާ އިން މުހިންމު ގިނަ ހާދިސާތަކުގެ ކަވަރޭޖް ގެނެސްދީފަ އެވެ. މިގޮތުން ކޮވިޑް ބަލިމަޑުކަމާއި ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތު އަވަހާރަވި ހާދިސާގެ ކަވަރޭޖް، ލޮކަބީ މަތިން ވެއްޓި ޕޭން އޭމް 103 މަތިންދާބޯޓުގެ ހާދިސާ އަދި މައިކަލް ޖެކްސަން މަރުވި ހާދިސާގެ ކަވަރޭޖް ވެސް ގެނެސްދިނުމުގައި އޭނާ ވަނީ އިސްކޮށް ހަރަކާތްތެރިވެފަ އެވެ.

ކުއެސްޓްގެ ކުޅަދާނަ ހުށަހެޅުމާއި އިންޓަވިއުތަކަށް ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ލިބިފައިވެ އެވެ.