ހަނިމާދޫ އެއާޕޯޓު އަލުން ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރީކޮލިފައިވުމަށް ހުށަހެޅުމުގެ ފުރުސަތު އިންޑިއާގެ އެކްސްޕޯޓް އިންޕޯޓް ބޭންކުން ހުޅުވާލައިފި އެވެ.

ބީލަމުގެ ފުރަތަމަ މަރުހަލާ އިއްޔެ ފެށި މި މަޝްރޫއަކީ، އިންޑިއާގެ އެގްޒިމްބެންކުގެ ލޯން އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިމަޝްރޫގެ ދަށުން ހަނިމާދޫ އެއާޕޯޓުގެ ރަންވޭ 2،460 މީޓަރަށް ދިގުކުރުމާއި 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމްކުރެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން 624،000 އަކަފޫޓުގެ އޭޕްރަންއަކާއި އެހެނިހެން ވަސީލަތްތައް ގާއިމްކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި، މިމަޝްރޫއު ނިމުމުން ހަނިމާދޫ އެއާޕޯޓަށް އެއާބަސް A320 އަދި ބޯއިން 737 މަރުކާގެ ބޯޓުތަކަށް ހިދުމަތްދެވޭނެ އެވެ. އަދި މީގެ އިތުރުން މެދު އިރުމައްޗާއި ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓް ހަނިމާދޫއާ ދޭތެރޭ ދަތުރުކުރުމުގެ ގާބިލްކަން ލިބޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ހަނިމާދޫ އެއާޕޯޓު އަލުން ހަދަން ހަމަޖެިފައިވަނީ ރާއްޖެގެ ކަނޑުގައި އުޅޭ މަޑި ސިފަވާނެހެން

ހަނިމާދޫ އެއަރޕޯޓު ތަރައްގީކުރަން ހަމަޖެހިފައި ވަނީ އަހަރަކު 1.3 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ވަސީލަތްތަކައެކު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި މި އެއާޕޯޓު ފަރުމާކުރަން ހަމަޖެހިފައި ވަނީ ދިވެހި ކަނޑުގައި އުޅޭ މަޑި ސިފަވާނެ ފަދަ ދިވެހިވަންތަ ފަރުމާއަކަށް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މިމަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި ފެށިގެންދާނެ އެވެ.