މިޔަރުގެ މަސްވެރިކަންކުރުން މަނާކޮށްފައި އޮތުން ނިމުމަކަށް ގެނެސް، މިޔަރުގެ މަސްވެރިކަންކުރަން ހުއްދަދިނުމާ ބެހޭގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ ދުނިޔޭގައި މިޔަރު ހިމާޔަތްކޮށްފައި އޮތީ ވަރަށް މަދު ގައުމެއްގައި ކަމަށެވެ. އަދި މިޔަރަކީ އިގްތިސާދީގޮތުން ފައިދާ ހޯދޭނެ ވަސީލަތެއް ކަމަށާއި އަދި އެހެންކަމުން އެ ވަސީލަތް ބޭނުން ނުކޮށް ތިބެންވީ ސަބަބެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ޒަހާ ވިދާޅުވި އެވެ.

މީގެ 11 އަހަރު ކުރިން 2010 ވަނަ އަހަރު ރާއްޖޭގައި މިޔަރުގެ މަސްވެރިކަންކުރުން މަނާކުރެވި، އޭގެ ކުރިން ބޭރުކުރަމުން އައި ބައެއް އުފެންދުންތައް ބޭރުކުރުން ވެސް މަނާކޮށްފައިވެ އެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ތައާރަފްކުރަން ވާނީ މެނޭޖް ފިޝަރީއެއް ގޮތުގައި ކަމަށެވެ. އެއީ، ވަކިމުއްދަތަކަށް ހުއްދަދީގެން އެ މުއްދަތުގެ ތެރޭގައި މަންފާ ހޯދުމަށް ހުޅުވާލުން ކަމަށާއި، އަދި މިގޮތަށް މަސްވެރިކަންކުރުމުގެ ފުރުސަތު ދޭނީ އާބާދީއަށް ގެއްލުންނުވާ ގޮތަށް ކަމަށް ޒަހާ ވިދާޅުވި އެވެ.

މިޔަރުގެ މަސްވެރިކަން މަނާކުރެވިފައި އިތުމުން ގިނަގުނަ މައްސަލަތަކާ ކުރިމަތިވާ ކަމަށް މަސްވެރިން ބުނެ އެވެ.