ވިސާ ކާޑު މެދުވެރިކޮށް ރާއްޖޭގައި ހިންގާ މުއާމަލާތްތަކަށް ހަމައެކަނި ދިވެހި ރުފިޔާއިން ފައިސާ ދެއްކޭ ގޮތަށް ހަމަޖައްސަން ނިންމައިފި އެވެ.

އެމްއެމްއޭ އިން ބުނީ މި ބަދަލަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. މިދިޔަ އަހަރު ތެރޭގައި ވިސާ އިން ރާއްޖޭގައި "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ތައާރަފު ކޮށްފައިވާ ކަމަށެވެ.

މަރުކަޒީ ބޭނުންކުން ބުނީ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސަރވިސް"ގެ ޚިދުމަތް ތައާރަފް ކުރުމުން ރާއްޖޭގައި ހިންގާ ވިސާ ކާޑުގެ ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ދިވެހި ރުފިޔާއިން ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

"މި ހިދުމަތް ތައާރަފް ކުރުމުން ރާއްޖޭގައި ހިންގާ ވިސާ ކާޑުގެ ޓްރާންސެކްޝަން ތަކަށް، ކާޑު އިޝޫކުރާ (ކާޑު ދޫކުރާ) ބޭންކުން ޕޭމަންޓް އެކުއަޔާކުރުމުގެ ހިދުމަތްދޭ ފަރާތަށް [ޕޭމަންޓް ބަލައިގަތުމުގެ ހިދުމަތް ދޭ ފަރާތް]، ކަސްޓަމަރުން ހަދާ ކާޑު ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ދިވެހި ރުފިޔާއިން ހެދޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި،" އެމްއެމްއޭ އިން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ ވިސާގެ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ތައާރަފު ކުރުމުގެ ކުރިން ވިސާ ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ހިންގާ ޓްރާންސެކްޝަންތައް، އެއީ ދިވެހި ރުފިޔާއިން ހިންގި ޓްރާންސެކްޝަނެއް ކަމުގައި ވީނަމަވެސް، އެ ޓްރާންސެކްޝަންތަކަށް ހިދުމަތް ދިނުމުގައި ހަރަކާތްތެރި ވާ ފަރާތްތަކުގެ މެދުގައި ސެޓްލްމަންޓް ހެދޭނެ ގޮތް ހަމަޖެހިފައިވަނީ ޔޫއެސް ޑޮލަރުން ކަމަށެވެ.

"މީގެ އިތުރުންވެސް މުދަލާއި ހިދުމަތުގެ އަގު ބަލައިގަތުމުގައި ރާއްޖޭގެ ބައެއް މާޗަންޓް އައުޓްލެޓުތަކުން ޔޫއެސް ޑޮލަރުން އެ ޓްރާންސެކްޝަންތައް ބަލައިގަންނަމުންދާކަން ވެސް އެމްއެމްއޭ އަށް ވަނީ ފާހަގަ ކުރެވިފައި. މީގެ ސަބަބުން ކާޑު އިޝޫކޮށްފައިވާ ބޭންކުން ކާޑު ޕޭމަންޓް އެކުއަޔާ ކުރާ ފަރާތަށް ސެޓްލްމަންޓް ހެދުމަށްޓަކައި ޔޫއެސް ޑޮލަރަށް ބަރޯސާވާން ޖެހޭ. ދިވެހިރާއްޖޭގައި ވިސާގެ 'ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް' ތައާރަފް ކުރެވިގެންދިޔުމާއިއެކު މި ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ވެސް ދިވެހި ރުފިޔާއިން ހެދޭނެ މަގު މިހާރު ވަނީ ފަހިވެފައި،" އެމްއެމްއޭ އިން ބުންޏެވެ.

މަރުކަޒީ ބޭންކުން ބުނީ މި ބަދަލާއެކު ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ވިސާ ކާޑުތައް މެދުވެރިކޮށް ރާއްޖޭގައި ހިންގާ ހުރިހާ ކާޑު ޕޭމަންޓްތައް ބަލައިގަތުމުގައި ދިވެހި ރުފިޔާ ބޭނުން ކުރުމަށް، ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި ކާޑު ޕޭމަންޓް ނަގާ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

"މި ބަދަލާއި ގުޅިގެން ރާއްޖޭގެ ހުރިހާ މާޗަންޓް އައުޓްލެޓްތަކުން، އެ ފަރާތްތަކުގެ މުދަލާއި ހިދުމަތް ހޯދާ ކަސްޓަމަރުންގެ ފަރާތުން، ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން އިޝޫ ކޮށްފައިވާ ވިސާ ކާޑަކުން ފައިސާ ބަލައިގަންނަނަމަ، އެ ފައިސާ ބަލައިގަނެވޭނީ ހަމަ އެކަނި ދިވެހި ރުފިޔާއިން. އަދި ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އެ ޓްރާންސެކްޝަންތަކުގެ ސެޓްލްމަންޓް ހެދުމަށް ބޭނުން ކުރެވޭނީ ވެސް ހަމަ އެކަނި ދިވެހި ރުފިޔާއިން،" އެ އޮތޯރިޓީން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ އެ ބަދަލާއެކު ކާޑު ޓްރާންސެކްޝަންތައް ސެޓްލް ކުރުމަށް ބޭންކްތަކުން ޔޫއެސް ޑޮލަރަށް ބަރޯސާވާންޖެހޭ މިންވަރުވެސް ކުޑަވާނެ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް"ގެ ހިދުމަތް ރާއްޖޭގައި އަދި ތައާރަފް ކޮށްފައިވަނީ ވިސާ އިން ކަމަށާއި އެ ނިންމުން މި ވަގުތު ހިނގާނީ ރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ވިސާ ކާޑެއް ބޭނުންކޮށްގެން ރާއްޖޭގައި ހަދާ ޓްރާންސެކްޝަންތަކަށް އެކަނި ކަމަށް ވެސް ބުންޏެވެ.