ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުން، ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން، އެމެރިކާގެ މެރިއޮޓް އިންޓަނޭޝަނަލް އިން ރާއްޖޭގައި ހިންގާ ހަތަރު ރިސޯޓެއް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަލުން ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

މެރިއޮޓްގެ ދަށުން ހިންގާ ރިސޯޓްތަކުގެ ތެރެއިން އަންނަ މަހުގެ އެކެއްގައި ހުޅުވަން ނިންމާފައި ވަނީ ސެންޓް ރެޖިސް ވޮށްމުލި އާއި ޑަބްލިއު މޯލްޑިވްސް، ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ އާއި ޖޭ ޑަބްލިއު މެރިއޮޓް މޯލްޑިވްސް ރިސޯޓްސް އެންޑް ސްޕާ އެވެ. މީގެ އިތުރުން ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ހުޅުވަން ނިންމާފައި ވަނީ އަންނަ ނޮވެމްބަރު 1ގަ އެވެ.

"އަޅުގަނޑުމެންގެ މިދަނީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އަލުން ހުޅުވުމުގެ މަސައްކަތްކުރަމުން. ގެސްޓުން ރައްކާތެރިކަމަކީ އަޅުގަނޑުމެން އެންމެ އިސްކަންދޭނެ އެއް ކަންތައް،" މެރިއޮޓްގެ އޭރިއާ ވައިސް ޕްރެޒިޑެންޓް ރިވެރިއޯ ޑެލްގާޑޯ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެސްޓުންގެ ސިއްހީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ސާފު ތާހިރުކަމާއި ރައްކާތެރިކަމުގެ މަތީ ފެންވަރުގެ މިންގަނޑުތަކެއް ހިފަހައްޓާނެ ކަމަށެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފައި ވަނީ އަންނަ މަހުގެ ނިޔަލަށް ރާއްޖޭގެ 94 ޕަސެންޓް ރިސޯޓް ފަތުރުވެރިންނަށް އަލުން ހުޅުވާލާނެ ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ކޮވިޑާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ބޭރުގެ މީޑިއާތަކާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.