ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މާލީ ބާޒާރެއްގައި ބޮންޑެއް ވިއްކަން ހުޅުވާލަން ނިންމައިފި އެވެ.

ޖަރުމަނުގެ ފްރެންކްފަޓް ސްޓޮކް އެކްސްޗޭންޖްގައި 38.5 މިލިއަން ޑޮލަރު (593.6 މިލިއަން ރުފިޔާ) ގެ ބޮންޑެއް ވިއްކަން ހުޅުވާލަން ނިންމާފައި ވަނީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރިއަލް އެސްޓޭޓްގެ ވިޔަފާރިކުރާ ރެއިންބޯ ކޮންސްޓްރަކްޝަނުން، ގއ. ކެރެއްދޫގައި މަތީ ފެންވަރުގެ ރިސޯޓެއް ތަރައްގީކުރުމަށެވެ. މިއީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް އިމާރާތްކުރާ މުޅިން ތަފާތު ކޮންސެޕްޓެއްގެ ރިސޯޓެކެވެ.

ރެއިންބޯގެ ޗެއާމަން އިބްރާހިމް ރަފީގު "ހުރިހާ"އަށް މިއަދު ވިދާޅުވީ ރިސޯޓު ހަދަން ބައިނަލްއަގުވާމީ މާލީ ބާޒާރުގައި ބޮންޑެއް ވިއްކަން ނިންމެވީ ރާއްޖޭގެ ބޭންކުތަކުން ބޭނުންވާ ވަރަށް ލޯނު ނުލިބިގެން ކަމަށެވެ.

"މިއީ ޕްރޮޖެކްޓަށް ބޭނުންވާ އިންވެސްޓްމަންޓްގެ މުޅި ޖުމްލަ އަދަދެއް ނޫން. އެތަނަށް މިހާރު ވަނީ ވަގުތީ އިމާރާތްތަކާއި ބަނދަރާއި އެނޫން ވެސް ކަންކަމަށް އިންވެސްޓްކޮށްފައި،" އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވީ 110 ކޮޓަރީގެ ރިސޯޓުގެ މަސައްކަތް ބައެއް މަސައްކަތްތައް މިހާރު ވެސް ކުރިޔަށްދާ ކަމަށެވެ.

އެ ރިސޯޓު ތަރައްގީކުރަން ވިއްކާ ބޮންޑް އަނބުރާ ދައްކަން ފަށަން ޖެހެނީ 2024 ވަނަ އަހަރުން ފެށިގެންނެވެ.

އެ ބޮންޑް ވިއްކަން ކޮންސަލްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ މޯޓީޒާ ހޮސްޕިޓަލިޓީ ބޮންޑްސް ކިޔާ ކުންފުންޏަކުންނެވެ.

ރެއިންބޯ ކޮންސްޓްރަކްޝަނަކީ މާލެ އާއި ހުޅުމާލޭގައި މަތީ ފެންވަރުގެ އެޕާޓްމަންޓްތަކެއް ތަރައްގީކޮށް ވިއްކާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ 2002 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރެސިޑެންޝަލް އަދި ކޮމާޝަލް 70 އަށްވުރެ ގިނަ ޕްރޮޖެކްޓް ހިންގާފައިވެ އެވެ. މިއީ އެ ކުންފުނީގެ ހަރަދުގައި ތަރައްގީކުރާ ފުރަތަމަ ރިސޯޓެވެ.

މީގެ ކުރިން ބައިނަލްއަގުވާމީ މާކެޓަށް ބޮންޑް ވިއްކާފައި ވަނީ ތަރައްގީގެ އެކި މަޝްރޫއުތަކަށް ފައިސާ ހޯދަން ސަރުކާރުންނެވެ.