އެކައުންޓަށް މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ފޮނުވުމަށް އެދި ކުރާ ކޯލްތަކަށް ސަމާލުވާން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ މިހާރަކަށް އައިސް އެ ބޭންކުގެ ނަމުގައި އެކައުންޓާއި ކާޑުގެ މައުލޫމާތު ހޯދުމަށާއި ސިސްޓަމް މައްސަލައަކާ ގުޅިގެން އެކައުންޓުގައި ހުރި ފައިސާ އެހެން އެކައުންޓަކަށް ޖަމާކުރުމަށް އެދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކަސްޓަަމަރުންނަށް ގުޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ބީއެމްއެލް އިން އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު ހޯދަން ނުގުޅާނެ ވާހަކަ ތަކުރާރުކޮށް ދަންނަވަމެވެ. އަދި އެކައުންޓްގައި މައްސަލައެއް ދިމާވެގެން އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ބޭންކުން އެއްވެސް ހާލަތެއްގައި ނޭދޭނެ އެވެ. ބޭންކުން މޮަބައިލް ނަންބަރު ބޭނުންކޮށްގެން ކަސްޓަމަރުންނަށް ނުގުޅާނެ އެވެ." އެ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

ބީއެމްއެލް އިން ވަނީ މި މައްސަލައާ ހެދި ހުރިހާ ފަރާތްތަކުން ވެސް އިތުރަށް ސަމާލުވެ، މިފަދަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ޒާތީ މައުލޫމާތާއި އެކައުންޓާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.

ބޭންކުން ކަމަށް ބުނެ އަންނަ މިފަދަ ކޯލްތަކާ ބެހޭ މައުލޫމާތު ބޭންކަށް ހުށަހެޅުއްވުމަށް ނުވަތަ ކާޑުގެ މައުލޫމާތު އެހެން ފަރާތަކަށް ހިއްސާކުރެވިފައިވާނަމަ ބޭންކުގެ ފޯން ނަންބަރު 3330200 އަށް ގުޅުމަށް ވެސް ބީއެމްއެލް އެދިފައިވެ އެވެ.