ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މ. މުލީގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.

އެ ބޭންކުން ބުނީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހެދި އޭޓީއެމް ސެންޓަރުގައި ގާއިމްކޮށްފައިވާ ދެ އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި. ޗެކް ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ މިއަދު ހުޅުވުނު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރުގެ ހިދުމަތާއެކު ކަސްޓަމަރުންނަށް ބްރާންޗަށް ދާން ނުޖެހި، ފަސޭހަ ކަމާއެކު ބޭންކިން ހިދުމަތް ލިބޭނެ ކަމަށެވެ.

ބީއެމްއެލް އިން މުލީގައި ބެހެއްޓި ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ އޭޓީއެމްއަކުން މީހަކު ފައިސާ ނަގަނީ. ފޮޓޯ: ބީއެމްއެލް

މިދިޔަ އަހަރު އެ ބޭންކުން ވަނީ 10 ރަށެއްގައި އަލަށް ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު ހުޅުވައި އިތުރު ފަސް ރަށެއްގައި ބެހެއްޓިފައި ހުރި އޭޓީއެމް ސެލްފް ސާވިސް ބޭންކިން ހިދުމަތް ލިބޭ ގޮތަށް ބަދަލު ގެނެސްފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 67 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 128 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތާއެކު އެ ބޭންކުގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރިކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.