ޑޮމެސްޓިކް ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ މަންޓާ އެއާ އިން އާ ސީޕްލޭނެއް މި ހަފުތާގައި ރާއްޖެ އަންނާނެ ކަމަށް ބުނެފި އެވެ.

އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ އަލަށް ގެންނަ ސީޕްލޭން އަންނަ ބުދަ ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ. މިއީ އެ ކުންފުނިން ރާއްޖެ ގެންނަ 8 ވަނަ ސީޕްލޭނެވެ.

"ސީޕްލޭންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން މިއަހަރުގެ ތެރޭގައި އިތުރު ބޯޓު ގެންނަން މިދަނީ މަސައްކަތްކުރަމުން. އަޅުގަނޑުމެން ބޭނުން ވަނީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވީހާވެސް އަވަހަށް ރިސޯޓުތަކަށް ދެވޭނެ ގޮތް ހަމަޖެއްސުން،" އޭނާ ވިދާޅުވި އެވެ.

މަންޓާ އެއާއިން އަލަށް ގެންނަނީ ވެސް މިހާރު ބޭނުންކުރަމުން އަންނަ ޓުވިން އޮޓާ ޑީއެޗްސީ 6300 މަރުކާގެ ބޯޓެކެވެ. މި ބޯޓު ވަނީ ރާއްޖެ އަންނަން 57.5 ގަޑިއިރުގެ ދިގު ދަތުރު ކެނެޑާގެ ކަލްގެރީ އެއާޕޯޓުން މިދިޔަ ބުރާސްފަތި ދުވަހު ފަށައިފަ އެވެ.

މަންޓާ އެއާއިން މިހާރު ވެސް އޭޓީއާރު 72 މަރުކާގެ ތިން މަތިންދާބޯޓު ބޭނުންކުރެ އެވެ.