މިސްރުގެ ސުއޭޒް ކެނަލްގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން ބިޔަ ކާގޯ ބޯޓެއް ބީހި، އެ ކެނަލް ބަންދުވުމުން ރާއްޖެއަށް ގެންނަ މުދަލަށް ކުރާނެ އަސަރެއް ބުނަން އަދި އަވަސް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ސުއޭޒް ކެނަލްގެ ހުޅަނގުން އޮންނަ ބަނދަރުތަކުން ކެނަލް ހުރަސްކުރުމަށްފަހު ރާއްޖެއަށް ސީދާ ދަތުރުކުރާ ބޯޓުތަކެއް ނުހުންނަ ކަމަށެވެ. ނަމަވެސް ޔޫރަޕާއި އެމެރިކާ ސަރަހައްދުގެ ގައުމުތަކުން މުދާ ގެންނަ ބައެއް ބޯޓުތައް ސުއޭޒް ކެނަލް ހުރަސްކޮށް އެހެން ގައުމުތަކުގެ ބަނދަރުކުރުމަށް ފަހު ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުދޭވަރަކަށް ގިނަ ކޮންޓެއިނަރުތައް އަންނާނެ، ޔޫރަޕުން އަދި އެމެރިކާއިން. އެ އަންނަ ކޮންޓެއިނަރުތައް ވެސް ކެނަލް ހުރަސްކޮށްފައި ދުބާއީ އަދި ކޮލޮމްބޯގައި ޓްރާންސިޓްވެފައި ރާއްޖެއަށް އަންނާނީ. އެ ކޮންޓެއިނަރުތައް ޑިލޭވާނެ. އެހެން ނަމަވެސް ޑައިރެކްޓް ކޯލްއެއްކުރާ ބޯޓެއް ނޫޅޭނެ. އެހެންވީމަ ނޭނގެ އަޅުގަނޑުމެންނަކަށް ކިހާ އަދަދެއްގެ ކޮންޓެއިނަރެއް ކަމެއް އެއީ،" ޝާހިދު ވިދާޅުވި އެވެ.

ޓައިވާން ޝިޕިން ކުންފުންޏަކުން އޮޕަރޭޓްކުރާ ޖަޕާނުގެ "އެވަގިވަން" ކިޔާ ބިޔަ ކާގޯ ބޯޓެއް މަޝްހޫރު ސުއޭޒް ކެނަލްގައި ބީހުމުން، ކެނަލް ބަންދުވެ، 200 އަށްވުރެ ގިނަ ބޯޓު ވަނީ ކެނަލްގައި ތާށިވެފަ އެވެ.

ސުއެޒް ކެނެލްގައި ހަރުލާފައި އޮތް އެވާ ގްރިންގެ އެވާ ގިވެން ބޯޓު

ޝާހިދު ވިދާޅުވީ ކެނަލް ބަންދުވުމުން ރާއްޖެއަށް އެކަމުގެ ސަބަބުންކުރާނެ އަސަރުތައް އެނގެން ދެ ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށެވެ.

ސުއެޒް ކެނަލް ބަންދުވުމާއެކު ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރުގެ މުދާ ވަނީ ތާށިވެފަ އެވެ. ކޮންމެ ދުވަހަކު 9.6 ބިލިއަން ޑޮލަރުގެ މުދާ މި މަގުން އުފުލާއިރު، ކެނަލް ބަންދުވުމުން ގާތްގަޑަކަށް 213 ވެސަލް މި މަގުގެ ދެ ފަރާތުގައި ތާށިވެފައި އެބަ އޮތެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ހާއްސަކޮށް، ގަނޑުކުރިމަހާއި ތެލުވެ ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.

"އާއްމުކޮށް ސުއޭޒް ކެނަލްއިން ދުބާއީއަށް އައިސްސަ ކޮލޮމްބޯއަށް އައިސްސަ މާލެ އަންނަން 10 ވަރަކަށް 15 ވަރަކަށް ދުވަސް ނަގާނެ. އަދި މިވީ ފަސް ދުވަސް އަދި ހަފްތާއެއް ދެ ހަފްތާއެއް ވަރު ފަހުން ސީދާ އެނގޭނީ ކުރާނެ އަސަރުތައް،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫރަޕްގެ ގައުމުތަކުން ރާއްޖެއަށް ކާބޯތަކެތީގެ ބާވަތްތައް އަންނަ ކަމަށެވެ. އެހެންކަމުން މި ތަކެތި ލިބުން ލަސްވެދާނެ ޝާހިދު ވިދާޅުވި އެވެ.