ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެކި ބޭނުންތަކަށް އިމާރާތްކޮށް ތަރައްގީކުރާ ޔުނިޓްތައް އެ ކޯޕަރޭޝަނާ ގުޅިގެން މާކެޓްކޮށް ވިއްކުމަށް މަސައްކަތްކުރާނެ ސޭލްސް އެޖެންޓުން ހޯދުމަށް އިއުލާންކޮށްފި އެވެ.

އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނީ އެ ކުންފުނިން ތަރައްގީކުރާ އުނިޓުތައް މާކެޓްކޮށް ތަރައްގީކުރުމަށް ސޭލްސް އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

ސޭލްސް އެޖެންޓް ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފަ އެވެ.

އެޗްޑީސީއާއެކު ސޭލްސް އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރުމަށް އަމިއްލަ ފަރާތްތަކާއި ކުންފުނިތަކަށް ވެސް ފުރުސަތު އޮތްއިރު ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 1،000ރ. ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

މިކަމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ އަހަންމިއްޔަތުކަމެއް ދޭން އެ ކުންފުނިން ނިންމާފައިވާތީ، ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ނަގަން ހަމަޖެހިފައިވަނީ 500ރ. އެވެ.

އެޗްޑީސީން ބުނީ މިފަހަރުގެ ޕްރޮގްރާމުގެ ދަށުން ހިންގޭ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވެ ހަދާ އެސެސްމެންޓުން އެންމެ މަތިން މާކްސް ހޯދާ 10 ފަރާތަކަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ވިއްކާ ޔުނިޓްތަކުން ކޮމިޝަނެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިފަދަ ފުރުސަތެއް ހުޅުވާލި އެންމެ ބޮޑު ބޭނުމަކީ ދާރިރާއިން ފަންނީ މީހުން އުފެއްދުމަށާއި، މިގޮތަށް މަސައްކަތްކުރާނެ ފުރިހަމަ ޕްލެޓްފޯމެއް ގާއިމް ކޮށްދިނުން ކަމަށް އެޗްޑީސީން ބުންޏެވެ.