މިފްކޯ އިން މަސްވެރިން އަތުން މަސް ގަންނަ އަގު ކޮންޓްރޯލް ކޮށްފައި އޮންނަތާ ހަތް އަހަރު ފަހުން ކޮންޓްރޯލް އަގު ދޫކޮށްލަން ނިންމައިފި އެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މަހުގެ އަގުގެ ކޮންޓްރޯލް ދޫކޮށްލައި، ބާޒާރުގައި ހުންނަ އަގަކަށް ބަލައިގެން މަސް ގަންނަން ނިންމި ކަން އިއުލާން ކުރީ މިފްކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އެވެ. މިހާތަނަށް މިފްކޯ އިން މަސް ގަންނަމުން ދިޔައީ ކިލޯއެއް 20ރ. އަށެވެ.

އޭނާ ވިދާޅުވީ އަގު ކޮންޓްރޯލް ދޫކޮށްލުމުން މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބުމުގެ އިތުރަށް ކޭޝް ފްލޯ މެނޭޖް ކުރަން އެ ކުންފުންޏަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށެވެ. އަދި އެ ބަދަލާ އެކު، ހަފުތާއަކު އެއްފަހަރު މަސްވެރިންނަށް ފައިސާ ދޫކުރެވޭ ގޮތަށް ހަމަޖެހޭނެ ކަމަށް ފައުޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަގުދު ފައިސާއިން މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ބަދަލުގައި ބީއެމްއެލްގެ އެކައުންޓް މެދުވެރިކޮށް ފައިސާ ދޭން ނިންމާފައިވާ ކަމަށެވެ. އަދި މިހާރަށް ވުރެ އިތުރަށް އަގު ހެޔޮކޮށް، މަސްވެރިންނަށް ތެޔޮ ވިއްކޭނެ ގޮތަކާ މެދު މަޝްވަރާ ކުރަމުންދާ ކަމަށް ފައުޒީ ވިދާޅުވި އެވެ.